29 Jun 2013, 15:02
ކޮންފެޑެރޭޝަންސް ކަޕާ ދިމާކޮށް ބްރެޒިލްގައި މުޒާހަރާތައް ކުރިއަށް ދިޔަނަމަވެސް، އެ މުބާރާތުގެ ސަބަބުން "ފީފާ"އާ ދޭތެރޭގައި މީހުން ދެކޭގޮތް، ކުރިއަށްވުރެ ރަނގަޅުވެއްޖެ ކަމަށް ފީފާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.
ބްރެޒިލްގައި މިހާރު ކުރިއަށްދާ މުޒާހަރާތަށް ފެށުނު ފަހުން، ފުރަތަމަ ފަހަރަށް މީޑިޔާއަށް މައުލޫމާތު ހިއްސާކުރަށްވަމުން ބުލެޓާ ވިދާޅުވީ، ބްރެޒިލްގެ 100 ޝަހަރެއްގައި މުޒާހަރާކުރި އެތައް ހާސް މީހުންނާ ދޭތެރޭގައި އޭނާ ހަމްދަރުދީ ވާ ކަމަށާއި، އަދި މީސްތަކުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް "ފުޓްބޯޅަ" ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށެވެ.
"ފީފާގެ ނަމާއި ތަސައްވަރު އަދި މި ޖަމިއްޔާއާ ދޭތެރޭގައި މީހުން ދެކޭގޮތް އިތުރަށް ރަނގަޅުވެގެން ހިނގައްޖެ، ކޮންފެޑެރޭޝަންސް ކަޕްގެ ސަބަބުން. މިތަނުގައި މަޝްރަހު ރަނގަޅު ކުރުމަށް ފުޓްބޯޅަ، ވަރަށް ރަނގަޅު ދައުރެއް އަދާކުރި،" ބްލެޓާ ބުންޏެވެ.
ބްލެޓާ ވިދާޅުވީ ފުޓްބޯޅައަކީ ދަނޑަށް ވަންނަ އެންމެހާ މީސްތަކުންނާއި އަދި ދަނޑުން ބޭރުގައި މަގުތަކުގައި އުޅޭ މީހުންވެސް ގުޅުވައިދޭ ވަރަށް މުހިއްމު ކުޅިވަރެއް ކަމަށެވެ. އަދި ބްރެޒިލްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ހިޔަނި، ކުރިއަށް އޮތް ވޯލްޑްކަޕަށް ނޭޅޭނޭ ކަމަށް އުންމީދުކުރަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީކީ އަހަރެމެންގެ މައްސަލައެއް ނޫން. މިއީ ސިޔާސީ މައްސަލައެއް. އެކަމަކު އަޅުގަނޑު އުންމީދުކުރަން، އަންނައަހަރުގެ ވޯލްޑްކަޕް ފެށެންވާއިރަށް ހުރިހާކަމެއް ހަމަޔަކަށް އެޅޭނޭ ކަމަށް،" ބްލެޓާ ވިދާޅުވި އެވެ. "އަހަރެމެން ކެތްތެރިވާނަން. ބްރެޒިލްގެ ސަރުކާރުން މިކަންތައް ހައްލުކުރާނޭ ކަމުގެ ފުރިހަމަ ޔަގީކަމާއި އިތުބާރު އެބައޮތް"
ބްރެޒިލްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ފީފާއާ ދެކޮޅަށްވެސް ވަނީ އަޑުއުފުލާފަ އެވެ. އެގޮތުން ބްރެޒިލްގައި ވޯލްޑް ކަޕް ބާއްވައިގެން ޓެކުހެއް ދެއްކުމެއްނެތި، ސަރުކާރުން ހުރިހާ ކަމަކަށް ހަރުދު ކުރާގޮތަށް ފީފާއިން ބޮޑު ފައިދާ ތަކެއް ނަގާކަމަށް ތުހުމަތުކޮށް އެފަރާތްތަކުން ވަނީ އަޑު އުފުލާފަ އެވެ.
ބްރެޒިލްގައި މުޒާހަރާތައް އެންމެ ހޫނުވި ދުވަސްވަރާ ދިމާކޮށް މުބާރާތް ދޫކޮށްލާފައި ބްލެޓާ، ޒިންމާތަކުން ރެކިވަޑައިގަތްކަމަށް ބުނެ މީޑިޔާތަކުންވަނީ ފާޑުކިޔާފަ އެވެ.
ބްލެޓާ ވިދާޅުވީ އޭނާ އެދުވަސްވަރު ބްރެޒިލްއިން ދިޔައީ، ތުރުކީގައި އޮންނަ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ކަމަށެވެ.
"އަޅުގަނޑު ޒިންމާއިން ރެކެންވެގެން ދިޔައީ ކަމަކަށް ނުބުނެވޭނެ. ކަންތައް ދިމާވި ގޮތަކީ، އެއް ވަގުތެއްގައި ބޮޑު ދެ ޒިންމާއެއް އަދާކުރަން ޖެހުނީ،" ފީފާގެ ރައީސް ވިދާޅުވި އެވެ.