ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލައެއް ފެންމަތިވެފައި ވާތީ އެކަން ހިނގާފައިވާ ގޮތެއް ކޮމިޝަންގެ ލީގަލް ސެކްޝަނުން ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ސަން އަށް ވިދާޅުވީ ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ފެންމަތިވި ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައި ވަނީ މީޑިއާ އިން ކަމަށާއި ނަމަވެސް އެއީ ކޮން ފަނޑިޔާރެއް ކަމެއް މިހާތަނަށް މީޑިއާގެ ފަރާތުން ވެސް އަދި އެނޫން ގޮތަކަށް ވެސް އެނގިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މީޑިއާގެ ފަރާތުން ކޮމިޝަންގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ އެކަން ހިނގާފައިވާ ގޮތެއް އެ ކޮމިޝަންގެ ލީގަލް ސެކްޝަނުން ބަލަމުން އަންނަ ކަމަށެވެ.

ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯ ވިއްކަން އުޅޭ ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާގެ ކުރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ ވީޑިއޯ ނަގައިގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭކަމުގެ ތުހުމަތުގައި ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.