މަސްތުވާތަކެއްޗާ ދެކޮޅަށް ދުނިޔޭގައި ފާހަގަކުރަމުން ގެންދާ ދުވަހާ ގުޅިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް އަޑުއުފުލައި ހިނގާލުމެއް ބާއްވައިފި އެވެ.

"އެންމެން އެކީ ގުޅިގެން މި މުޖުތަމައު ސަލާމަތް ކުރަމާ" މި ޝިއާރުގެ ދަށުން ޔުނިސެފާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ ޖާނީން ރާއްޖޭގެ ތިން ސަރަހައްދެއްގައި އިއްޔެ ބޭއްވި ހިނގާލުމުގައި ޖާނީން މިހާރު ހިންގަމުން ގެންދާ މަސްތުވާތަކެތިން ދުރާލާ ރައްކާވެތިބުމުގެ ޕްރޮގްރާމް "ރައިސް" ޕްރޮގްރާމްގެ ބައިވެރިން ވަނީ އެ ހިނގާލުމުގައި ބައިވެރިވެފަ އެވެ.

އެގޮތުން އެ ހިނގާލުމުގައި ހދ. ކުޅުދުފުއްޓާއި ލ. ގަން އަދި ކ. މާފުށީގައި ރައިސް ޕްރޮގްރާމްގެ ދަށުން އެކުލަވާލާފައިވާ އެލަޔަންސްތަކާއި ތަމްރީން ކޮށްފައިވާ ޒުވާނުންނާއި އަދި ބެލެނިވެރިންގެ އިތުރުން އާންމުން ވަނީ ބައިވެރިވެފަ އެވެ.

ޖާނީން ބުނީ އެ ރެލީ އަކީ ދުރާލާ މަސްތުން ސާފުވެ ތިބުމަށްޓަކައި ރާއްޖޭގައި އެކަށީގެންވާ ފެންވަރެއްގައި ތަމްރީންކޮށްފައިވާ މީހުން ބައިވެރިކޮށްގެން ހިންގި އެފަދަ އެންމެ ކާމިޔާބު ހިނގާލުން ކަމަށެވެ.

އޭގެ ގެއިތުރުން މި މަހުގެ 26 ވަނަ ދުވަހު ހއ. ފިއްލަދޫގައި ވެސް މިފަދަ ރެލީއެއް ބާއްވާނެ ކަމަށް ޖާނީ އިން ބުންޏެވެ.