މާލޭގައި ގާޑިޔަލުގެ ވިޔަފާރިކުރަން ގެންގުޅު ގާޑިޔާތަކުގެ ބަދަލުގައި "ޒަމާނީ ގާޑިޔާތަކެއް" ބަހައްޓަން ފަށައިފި އެވެ.

އަލަށް ބަހައްޓަން ފެށި ގާޑިޔާތަކަކީ ކުރިން ހުރި ސައިޒްގެ ގާޑިޔާތަކެއް ނަމަވެސް ވަރަށް ޒަމާނީ ގާޑިޔާތަކެކެވެ. އެ ގާޑިޔާތައް ފަރުމާކޮށްފައި ވަނީ އެތެރޭގައި ހުރެގެން ކަސްޓަމަރުނަށް ހިދުމަތްދެވޭ ގޮތަށެވެ. އަދި އެ ގާޑިޔާތައް ޑިޒައިންކޮށްފައި ވަނީ އެތެރެ ފެނާއި ކަރަންޓް ވައިރުކުރެވޭ ގޮތަށެވެ. އަދި އެ ގާޑިޔާތައް ބަހައްޓަނީ ކުރިއާ ހިލާފަށް ޕޭމަންޓްމަތީ އެވެ.

ބޮޑުތަކުރުފާނުމަގުން ޓެޓްރާ ޕޮޓް ހުންނަ ސަރަހައްދުގައި މިހާރު ވަނީ ބައެއް ގާޑިއާތައް ބަހައްޓައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ގާޑިޔަލަކުން ހިދުމަތް ދޭކަށް ނުފައްޓަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު "ސަން" އަށް ވިދާޅުވީ ޒަމާނީ ގާޑިޔާތަކުގެ ގޮތުގައި 36 ގާޑިޔަލެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި އެ ގާޑިޔާތައް ބެހެއްޓުމާ އެކު މިހާރު ހުރި ގާޑިޔާތައް ނަގާނެ ކަމަށެވެ.

"އަލުގަނޑުމެން އިއުލާން ކުރާނަން ކުރިން ހުރި ގާޑިޔާތައް ނަގަން، ދެން އެ ގާޑިޔާތައް ނުނަގައިފިއްޔާ އަޅުގަނޑުމެން އެތަންތަން ސާފުކޮށްލާނަން. އަޅުގަނޑުމެންގެ މެސެޖަކީ ވީހާ ވެސް އަވަހަކަށް ގާޑިޔާތައް އާކުރުން،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ އާ ގާޑިޔާތައް ދޫކުރަނީ ކުރިން ވެސް ގާޑިޔާތައް ގެންގުޅުނު ފަރާތްތަކަށް ކަމަށާއި އާ ގާޑިޔާތަކަށް ވަކި އަގެއް ނުނަގާ ކަމަށެވެ. އަދި އެ ގާޑިޔާތަކާ އެކު މަހު ފީއެއްގެ ގޮތުގައި ދައްކަންޖެހެނީ 5000ރ. ކަމަށް ވިދާޅުވި އެވެ.
ކުރީގެ ގާޑިއާތަކަށް ނަގަނީ މަހަކު 2500 ރ. އެވެ.

ސަން އާ ވާހަކަ ދެއްކި ބައެއް ގާޑިޔާތަކުގެ ވެރިން ބުނީ ޒަމާނީ ގާޑިޔަލާ އެކު އެފަރާތްތަކުގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ގާޑިޔާތަކާ އެކު ވިއްކާ އެއްޗެތީގެ އަގަށް ބަދަލުގެންނަން ނުވިސްނާއިރު ވަރަށް އަވަހަށް އެ ގާޑިޔާތަކުގެ ހިދުމަތްދޭނެ ކަމަށް ބުންޏެވެ.