04 Nov 2010, 07:59
ގަވައިދާ ހިލާފު ވެއްޖެ ނަމަ އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށްކޮށް ވަގުތީ ގޮތުން ރިސޯޓްގެ ލައިންސަސްން ބާތިލު ކުރެވޭ ގޮތަށް ޓޫރިސްޓުންގެ ރަމްޒީ ކައިވެނިތައް ބޭއްވުމާ ބެހޭ ގަވައިދެއް އެކުލަވައިލައި މިއަދު ގެޒެޓްކޮށް އަމަލުކުރަން ފަށައިފި އެވެ.
ޓޫރިޒަމް ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވާލައި 10 މާއްދާގެ މައްޗަށް އެކުލެވޭ ގަވައިދު ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ އިރު އެ ގަވައިދުގައި ބުނަނީ ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި، ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ރަމްޒީ ކައިވެނި ހަފުލާއެއް ބޭއްވޭނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އެކަމަށް ހާއްސަ ފޯމެއް ފުރައިގެން ކަމަށެވެ.
އަދި އެ ގަވައިދުގެ އަށް ވަނަ މާއްދާގައި ބުނަނީ "މި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ އެކުރި ކަމަކާ މެދު ގާނޫނީ ގޮތުން އެފަރާތަކާ މެދު އެޅިދާނެ ފިޔަވަޅެއްގެ އިތުރުން މި ގަވައިދަ ހިލާފު ކޮންމެ ރިސޯޓެއް މި ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު އެއް މިލިޔަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމާއި ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި މި ގަވައިދުގެ ދަށުން ދީފައިވާ ހުއްދަ ބާތިލު ކުރުމާ އެކު އެ ރިސޯޓަކަށް ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ" ކަމަށެވެ.
މީގެ އިތުރުން އެ ގަވައިދުގެ މާއްދާތަކަށް ބަލާއިރު ހަތަރު ވަނަ މާއްދާގެ (ށ)ގައި ބުނަނީ ރަމްޒީ ކައިވެނި އިންތިޒާމުކޮށް އެކަމުގެ އެންމެހާ ކަންކަން ހިންގަންވާނީ ރިސޯޓްގައި އެއިރެއްގައި ހުރި އެންމެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ސީނިޔާ މެނޭޖްމެންޓްގައި ހިމެނޭ މީހެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ މާއްދާގައި (ނ) ގައި ބުނަނީ ކައިވެނީ ހަފުލާގެ ކުރިން ހަފުލާ ހިނގާނެ ގޮތް ކައިވެނިވާ ދެ ޓޫރިސްޓުންނަށް ސާފުކޮށް ކިޔައިދޭން ޖެހޭނެ ކަމަށެވެ. އެ މާއްދާގެ (ރ) ގައި ވާ ގޮތުން ކައިވެނީގެ ހަފުލާގައި ދެ ޓޫރިސްޓުންނަށް އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައާ ބެހޭ ގޮތުން އެއްވެސް ކަހަލަ ދޮގު މައުލޫމާތެއް ދީގެން ނުވާނެ ކަމަށެވެ.
ފަތުރުވެރިން އިހުތިޔާރު ކުރާ ބަހަކުން ހަފުލާ ބާއްވަން ޖެހޭ ގޮތަށް މާއްދާއެއް ހިމަނާފައިވާ ގަވައިދު ބުނާ ގޮތުގައި އެމީހުން އިހުތިޔާރުކުރާ ބަހަކީ އެ މީހުންނަށް ނޭނގޭ ބަހަކަށްވާ ނަމަ ހަފުލާގެ ކުރިން ހަފުލާގެ އެންމެ އިސްމީހާ ޓޫރިސްޓުންނަށް އެނގޭ ބަހަކަށް އެ ވާހަކަތައް ތަރުޖަމާކޮށް ހަވާލު ކުރަންވާނެ ކަމަށާއި އެ ނަސޭހަތަކީ ޓޫރިސްޓުން ތައްޔާރުކޮށްފައިވާ ނަސޭހަތަކަށް ނުވާ ނަމަ އެ ނަސޭހަތް ޓޫރިޒަމް މިނިސްޓްރީން ފާސްކުރަން ޖެހޭނެ ކަމަށެވެ. އެއަށް ބަދަލެއް ގެނައި ނަމަވެސް ފާސް ކުރަން ޖެހެ އެވެ. މީގެ އިތުރުން ނަސޭހަތާ މެދު އިއުތިރާޒެއް ނެތް ކަމަށް ފަތުރުވެރިން ސޮއިކުރަން ޖެހެ އެވެ.
އާ ގަވައިދު ބުނާ ގޮތުން ހަފުލާގެ ވީޑިއޯ އާއި ރިކޯޑިން ހަދަން ޖެހެ އެވެ. އަދި އެ މެޓީރިއަލެއެއް އަހަރު ދުވަހަށް ރިސޯޓުގައި ރައްކާކުރަން ޖެހޭނެ އެވެ. އަދި ރަމްޒީ ކައިވެނިތަކާ ބެހޭ ދަފުތަރެއް ވެސް ރިސޯޓުގައި ބާއްވަން ޖެހެ އެވެ.
ޓޫރިޒަމުން ނެރުނު ގަވައިދަށް އަމަލު ކުރަން ފެށުމުން ރަމްޒީ ކައިވެނިތައް ބާއްވަމުންދާ ރިސޯޓުތަކުން އެއް މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމުގެ ހުއްދަ ހޯދަން ޖެހެ އެވެ. އަދި ކައިވެނިވާ ޓޫރިސްޓުންނަށް ލައިދޭ ނަސޭހަތް ވެސް އެއް މަސް ދުވަހުގެ ތެރޭގައި ފާސް ކުރަން ޖެހެ އެވެ.
މި ގަވައިދު މި އައީ ވިލުރީފް ރިޒޯޓްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކުރި ރަމްޒީ ކައިވެންޏެއްގައި، އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ދިވެހި ބަހުން ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާފައިވާ ޓޫރިސްޓު ދެމަފިރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ފޯނުން ގުޅުއްވައި، މަޢާފަށް އެދިވަޑައިގަތުމަށް ފަހު އެފަދަ ކައިވެނި ތަކާ ބެހޭ ހާއްސަ ގަވައިދެއް އެކުލަވައިލައްވާނެ ކަމަށް ވިދާޅުވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.
ވިލުރީފު ރިސޯޓްގައި ޓޫރިސްޓް ދެމަފިރިއަކު ކުރި ރަމްޒީ ކައިވެނީގައި ބޭއަދަބީ ބަހުން މުހާތަބްކޮށްފައިވާ މައްސަލާގައި ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ސ. ހިތަދޫ ބޯށިވަލުގޭ، އުމުރުން 30 އަހަރުގެ ހުސައިން ދީދީ އާއި ސ. ހުޅުދޫ ކަންމަތީގޭ، އުމުރުން 39 އަހަރުގެ އަލީ ޝަރީފެވެ.