ފަނޑިޔާރެއްގެ ވީޑިއޯ ނަގައިގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭކަމުގެ ތުހުމަތުގައި ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކުރުމުން ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) ހަނުހުރުމުގެ ހައްގު ބޭނުން ކޮށްފި އެވެ.

އެއްގަޑިއިރު ވަންދެން ފުލުސް އޮފީސްތެރޭގައި ތިބުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރީންނަށް މައުލޫމަތު ދެއްވަމުން ގޯލްޑަންލޭން ސައީދުގެ ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ވިދާޅުވީ ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރަންޖެހުނީ އެ މައްސަލައިގެ އިތުރު ތަފްސީލު ދިނުމަށް ފުލުހުން އިންކާރުކުރުމުން ކަމަށެވެ.

ނޫރުބާން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެރޭ 9:30 އިން ފެށިގެން ދަންވަރު 2:00 އާ ހަހަމައަށް ގާނޫނީ ވަކީލަކާއި ނުލައި އޭނައާ ސުވާލުކޮށްފައިވާ ކަމަށް ނޫރުބާން ވިދާޅުވި އެވެ.

އެ ބަރަހަނާ ވީޑިއޯ އިން ގޯލްޑަންލޭން ސައީދު ފެންނަ ކަމަށް އެދުވަހު ފުލުހުން އޭނާގާތު ބުނި ކަމަށާއި ނަމަވެސް އެކަމަށް އޭނާ އިންކާރު ކުރާ ކަމަށް ވެސް ނޫރުބާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެރޭ ސައީދު އަށް ބިރުދައްކައިގެން އޭނާގެ ފަރާތުން ވަކި ޖަވާބެއް ހޯދުމަށް ބްލެކްމެއިލް ކުރުމުގެ އަމަލުތަކެއް ވެސް ފުލުހުން ހިންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޯލްޑަންލޭން ސައީދު އަށް ބިރުދައްކައި ބްލެކް މެއިލް ކުރުމުގެ އަމަލެއް ފުލުހުން ހިންގާފައި ނުވާނެ ކަމަށާއި އެރޭ އޭނާ ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ވަރަށް އެކުވެރި މާހައުކެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެރޭ އޭނާއާ ސުވާލުކޮށްފައި ވަނީ އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް ކަމަށެވެ.

ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯ ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާގެ ކުރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.

ރޭ ބޭއްވި އެމްޑީޕީގެ އެއްވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ އެ ބަރަހަނާ ވީޑިއޯ އުފެއްދީ އަލްހާން ކަމަށް އެއްބަސްކުރުވުމަށް އޭނާގެ ދާއިރާގެ މީހަކަށް ފުލުހުން ބިރުދައްކަމުން ގެންދާ ކަމަށެވެ.