ރަޙްމަތްތެރި ކަމުގެ ޒިޔާރަތެއްގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.

ޗައިނާގެ ނޭވީ ހޮސްޕިޓަލް ޝިޕް "އާކް ޕީސް" އެއް ހަފްތާއަށް ރާއްޖެއަށް ކުރާ ޒިޔާރަތާ ބެހޭގޮތުން އެ މަނަވަރުގެ ކޮމާންޑަރަކަށް ހުންނެވި، ޑެޕިއުޓީ ޗީފް އޮފް ސްޓާފް އޮފް ދަ އީސްޓް ސީ ފްލީޓް، ރެއާ އެޑްމިރަލް ޝެން ހާއޯ ވިދާޅުވީ، މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމާއި އަދި ޗައިނާގެ ރައްޔިތުންގެ ލޯތްބާއި އަޅާލުން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެއްވި ޒިޔާރަތެއް ކަމަށެވެ.

"ޗައިނާގެ ނޭވީ މިއައީ އެކުވެރިކަން އާލާކުރުމަށް. އަޅުގަނޑުމެންގެ މި ޒިޔާރަތުގައި، ރާއްޖޭގެ ރައްޔިތުންނަށް މި ނޭވީގައި ދެވެންހުރި އެންމެ ފުރިހަމަ ސިއްހީ ހިދުމަތްތައް ފޯރު ކޮށްދޭނަން. އަދި އަޅުގަނޑުމެންގެ ލޯތްބާއި ގާތްކަން އެންމެހާ ރައްޔިތުންނާ ހިއްސާކުރާނަން،" ޝެން ހާއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީސް އާކްގެ މިދަތުރަކީ ޗައިނާގެ މެޑިކަލް ހިދުމަށްދޭ މަނަވަރެއް މިގޮތަށް ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު ކަމަށާއި އަދި މި ދަތުރުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ބަދަހިވެ، ވަރުގަދަވެގެން ދާނޭ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

"މިއީ ޗައިނާގެ ޕީއެލްއޭ [ޕީޕަލްސް ލިބަރޭޝަން އާމީ] ނޭވީޝިޕް ރާއްޖެއަށް ކުރާ މިފަދަ ފުރަތަމަ ދަތުރު. މިއިން އެބަ ދައްކައިދޭ ޒަމާނުއްސުރެ، ޗައިނާއާއި ރާއްޖެއާއި އަދި ދެ ގައުމުގެ މިލިޓަރީގެ ދެމެދުގައި ބަދަހިވަމުން އަންނަ ގުޅުން،" ޗައިނާ މަނަވަރުގެ ކޮމާންޑަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މިފަހަރުގެ ޒިޔާރަތުންގެ ސަބަބުން ދެ ގައުމުގެ ސަރުކާރާއި މިލިޓަރީގެ ދެމެދުގައި އިތުރަށް ގުޅުންތައް ބަދަހިވެ ވަރުގަދަވާނޭ ކަމަށް އުންމީދު ކުރަން،"

ޗައިނާގެ މަނަވަރުން ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭން ފަށާނީ މާދަމާ އެވެ. އެގޮތުން ފަސްދުވަހުގެ މުއްދަތަށް ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށްފަހު އެ މަނަވަރު ފުރާނީ ޖެހިގެން އަންނަ ދުވަހު އެވެ.

ޗައިނާގެ މަނަވަރުގެ އޮފިސަރުން މާލޭގެ ވިޔަފާރި ބަނދަރަށް ފޭބުމާއެކު، އެބޭފުޅުންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

"އަޅުގަނޑުމެންގެ ނޭވީ ޝިޕް ރާއްޖޭގެ ބަދަނދަރަށް ލެފުމާއެކު، ދިވެހި ސަރުކާރާއި، ސިފައިންނާއި، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި، ޗައިނާގެ ވިޔަފާރި ވެރިންނާއި މީޑިއާގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި. އަދި ހަމަ އެހެންމެ މިތިބަ ތުއްތު ކުދިންގެ ވަރަށް ފުރިހަމަ ހަރަކާތްތަކެއް ފެނިގެން ހިނގައްޖެ،" ޝެން ހާއޯ ވިދާޚޅުވި އެވެ.

ޗައިނީޒް ހޮސްޕިޓަލް ޝިޕް މީގެ ކުރިން ވަނީ، އޭޝިޔާ، އެފްރިކާ، ލެޓިން އެމެރިކާ އަދި ގަލްފުގެ ގައުމުތަކަށްވެސް މިފަދަ ޒިޔާރާތް ކޮށްފަ އެވެ. އަދި އެ ދަތުރު ތަކުގައި އެ ގައުމުތަކުގެ އެތައްހާސް ރައްޔިތުންނަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދީފައިވެ އެވެ.