އޭޑީކޭ ކުންފުނީގެ ހޯލްސޭލް ފިހާރައެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. މިއީ އޭޑީކޭގެ ފިހާރައެއް މާލެއިން ބޭރުގައި ހުޅުވި ފުރަތަމަ ފަހަރެވެ.

ކުޅުދުއްުފުށީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައި ދެއްވީ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހްމަދު ނާޝިދު އެވެ. އެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އަތޮޅު އަދި ރަށު ކައުންސިލަރުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ބޮޑު ބެރު ގްރޫޕެއްގެ ހަރަކާތްތައް ކުރިއަށްދިޔަ ވަގުތު ދައުވަތު އެރުވުނު ފަރާތްތަކަށާއި އާއްމުންނަށް އެ ފިހާރަ އިން ލިބެން ހުރި ތަކެތި ދެެއްކި އެވެ.

އެ ފިހާރައަކީ ކުޅުދުއްފުއްޓާއި ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ހޯލްސޭލްކޮށް ބޭހާއި އެފްއެމްސީޖީގެ ޕްރޮޑަކްޓްސްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުވިގެންދިޔަ ގޮތްޕެއް ކަމަށް އެކުންފުނިން ބުންޏެވެ.

އޭޑީކޭ ކޮމްޕެނީ އިން ރާއްޖެ އަށް އެތެރެކޮށް ހޯލްސޭލްކުރާ އެފްއެމްސީޖީގެ ޕްރޮޑަކްޓްސްތަކުގެ ތެރޭގައި ޑްރައިޕާސް ނެޕީ އަދި ކޮސްމެޓިކްސް، މިލްގްރޯ ކިރު، ޓީ-ސިޕްސް ސައިފަތް، މޮކާޓޭ ކޮފީ، ޓްވިސްޓް ޖޫސް، ލިގޯ ދަޅުކާނާ، އައި-މީ ނޫޑްލްސް، މެލިބަން ބިސްކޯދު، މާސްޓާޗެފް ހަނޑޫ، ޒޭޑް ކުކިން އޮއިލް، އަދި ކިސްޓްގެ ކެއްކުމަށް ބޭނުންކުރާ ބާވަތްތައް ހިމެނެ އެވެ.

ހޯލްސޭލްކޮށް ބޭހުގެ ބާވަތްތައް ހޮސްޕިޓަލްތަކާއި ފާމަސީތަކަށް ފޯރުކޮށްދިނުމުގެ އިތުރުން ތަފާތު އެކި ވައްތަރުގެ މެޑިކަލް އިކުއިޕްމަންޓްތައް ވެސް އޭޑީކޭ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރު އިން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.