ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަނުން މިރޭ ޒުވާނުންގެ ޕޮލިސީ ހާމަކުރުމަށް ފަހު ހިނގާލުމަކާއި މިޔުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.

"ގައުމުގައި ގެން ކުރިއަށް" ކޯލިޝަނުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަނުން ޒުވާންނާ މެދު ގެންގުޅޭ ސިޔާސަތުތައް ހާމަކުރުމަށް ބާއްވާ ހާއްސަ އިވެންޓެއް މިރޭ ސްޓެލްކޯގެ އެޑިޓޯރިއަމްގައި އޮންނާނެ ކަމަށެވެ. އަދި އޭގެ ފަހުގައި ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވާ ރެލީއެއް އޮންނަނީ އަމީނީމަގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރެލީއަކިީ ހަމަ އެކަނި ޒުވާނުނަށް އޮންނަ ރެލީއެއް ނޫން. ކުދި ބޮޑު އެންމެނަށް އަޅުގަނޑުމެން މި ރެލީ އަށް ދައުވަތުއަރުވަން. ޒުވާނުންނާ އެކު އަޅުގަނޑުމެން މި ނިކުންނަކީ ގައުމައިގެން ކުރިއަށްދާން. އެހެންވީމާ ގައުމައިގެން ކުރިއަށް ދެވޭނީ ޒުވާނުންނާއި އެއްވަރަށް އާންމުވެސް ބައިވެރިވެގެން ކަމަށް ގަބޫލުކުރަން،"


މިއަދު ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިސްޓަރު އަދި ގައުމީ އިއްތިހާދު ޕާޓީގެ މެންބަރު އަހުމަދު ޝަމީމް ވިދާޅުވީ ކާނިވާ ސަރައްދުގައި މިރޭ އޮންނަ މިޔުޒިކް ޝޯގައި ބައެއް ލަވަކިޔުންތެރިންގެ އިތުރުން ބޮޑުބެރު ގުރޫޕްތަކުން ވެސް ލަވަ ހުށަހަޅާނެ ކަމަށެވެ. އަދި ހަމަ މިރޭ އެ ސަރައްދުގައި ބާބުކިޔު ކުރިއަށްދާނެ ކަމަށާއި އެ ހުރިހާ އިވެންޓެއްގައި ވެސް ރައީސް ވަހީދު އާއި އެ މަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަހްމަދު ތަސްމީނު އަލީ ވެސް ބައިވެރިވެވަޑައިގަންނާވަނެ ކަމަށެވެ.

"އޭގެ އިތުރުން ޒުވާނުންގެ ފަރާތުން ތައްޔާރުކުރާ ވަރަށް ހާއްސަ ބާބުކިޔު ވެސް އޮންނާނެ ވާހަކަ ދަންނަވާލަން،" ޝަމީމް ވިދާޅުވި އެވެ.

ގައުމައިގެން ކޯލިޝަނުން މިރޭ ހާމަ ކުރަން ހަމަ ޖެހިފައި ވަނީ ޒުވާނުން ސިޔާސަތުގެ އެއްބަ އެވެ. އަދި މިއީ ކޯލިޝަނުން ހާމަ ކުރާ ފުރަތަމަ ސިޔާސަތެވެ.