އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިހާރު ދެކުނު އެފްރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާއާ ބައްދަލު ނުކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެމެރިކާ ރިޔާސީ މަތިންދާބޯޓު "އެއާފޯސް ވަން" ދެކުނު އެފްރިކާގެ ޕްރެޓޯރިއާގައި ބަނދަރުކޮށްފައިވާ އިރު، މިދަތުރުފުޅުގައި އޮބާމާ ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާއާ ބައްދަލުކުރައްވާނެ އެވެ.

ދެކުނު އެފްރިކާ އަށް ދަތުރުފުޅެއް ކުރައްވާކަމުގެ ހަބަރުތައް ފެތުރުމާ އެކު، މިދަތުރަކީ ހަޔާތުގައި ދިމާވި އެންމެ "އިންސްޕިރޭޝަނަލް" ލީޑަރުގެ ގޮތުގައި އޮބާމާ ސިފަކުރައްވާފައިވާ މަންޑޭލާ އަށް ވަދާއީ ޒިޔާރަތެއް ކުރެއްވުމަށް އޮބާމާ ކުރައްވަވާ ދަތުރުފުޅެއް ކަމަށް މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިމަހުގެ އަށް ވަނަ ދުވަހު ޕްރެޓޯރިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރުމަށް ފަހު އަދިވެސް ހާލުކޮޅު ގޯސްކަމަށް ޑޮކްޓަރުން ބުނަމުންދާ މަންޑޭލާ އަށް ޒިޔާރަތްކުރެއްވުމަކީ މަންޑޭލާގެ އާއިލާއަށް "އުދަނގޫ" ވާނެ ކަމެއް ކަމަށް އޮބާމާ ވަނީ ވިދާޅުވެފަ އެވެ.

"ކޮންމެހެން ފޮޓޯ އޮޕްއެއް (ފޮޓޯކޮޅެއް ނަގާލަން ފުރުސަތެއް) ބޭނުމެއް ނޫން. މަންޑޭލާގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އާއިލާ އަށް އުދަނގޫތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އިތުރު އުދަނގޫތަކެއް ކުރިމަތިކުރާކަށް ބޭނުމެއް ނޫން" މަންޑޭލާއާ ބައްދަލުނުކުރައްވަން ނިންމެވި ސަބަބުތައް އޮބާމާ ކިޔައިދެއްވި އެވެ.

އޮބާމާ ވިދާޅުވީ މަންޑޭލާއަކީ މުޅި ދުނިޔޭގެ ބަތަލެއް ކަމަށާއި މަންޑޭލާ ދޫކުރައްވާފައިވާ އުސޫލުތަކަކީ އަބަދުވެސް ދެމި އޮންނާނެ އުސޫލުތަކެއް ކަމަށެވެ.

މީގެ ކުރިން 2005 ވަނަ އަހަރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން އޮބާމާ ދެކުނު އެފްރިކާ އަށް ކުރެއްވެވި ދަތުރުފުޅެއްގައި އޮބާމާ ވަނީ މަންޑޭލާއާ ބައްދަލުކުރައްވާފަ އެވެ. އަދި 2011 ވަނަ އަހަރު އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ އާއި ދަރިކަނބަލުން ވަނީ މަންޑޭލާއާ ބައްދަލުކުރައްވާފަ އެވެ.

ދެކުނު އެފްރިކާ އަށް އޮބާމާ ކުރައްވަވާ މިދަތުރުފުޅަކީ އެފްރިކާގެ ތިން ގައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައެކެވެ. ދެކުނު އެފްރިކާގެ ކުރިން އޮބާމާ ވަނީ ސެނެގާލްއަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި މިދަތުރު ނިންމަވާ ލައްވާނީ ޓެންޒޭނިޔާ އަށް ޒިޔާރަތްކުރުމަށް ފަހުގަ އެވެ.