މާލެއިން ތިލަފުއްޓަށް ގެންދާ ކުނި އެ ރަށަށް ހައިމާކުން ބޭލުމުގައި ގިނަ އަދަދެއްގެ ކުނި އަނެއްކާ ވެސް ތިލަފުށީ ފަޅަށް ބޭރުވެއްޖެ އެވެ.

ތިލަފުއްޓަށް ރިސޯޓަކުން ކުނި ގެންދާ ދޯންޏެއްގެ މީހަކު ނަން ނެޖުގުމަށް ޝަރުތުކޮށް ދެންމެ ބުނީ ރެއިން ފެށިގެން އެ ރަށު ފަޅު ތެރެއަށް ކުނިތައް އެޅެމުންދާ ކަމަށާއި ކުނިތައް ފަޅު ތެރެއަށް އެޅެނީ ކުނި ބަނޑު ޖެޓީއާ ކައިރިކޮށް، ހައިމާކުން އެ ކުނިތައް ކަމާލުކުރުމުގެ ތެރޭގައި ކަމަށެވެ.

އޭނާ ބުނީ ކުރީ ފަހަރު ވެސް ކުނިތައް ކަނޑަށް ބޭރުވުމުން އެޅުވީ ރިސޯޓްތަކުގެ ބޮލުގައި ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"މި ފަހަރު އަހަރުން ބަލަން ތިއްބައި ކުނިތައް މޫދަށް އެޅެމުން އެ ދަނީ،" އޭނާ ކިކައިދިނެވެ.

ނަމަވެސް އޭނާ ބުނީ އެތަން އޮންނަ ގޮތުން އަދި އެ ކުނިތައް ކަނޑަށް ބޭރު ނުވާ ކަމަށެވެ.

މާލެ އާއި ރިސޯޓްތަކުގެ ކުނި ޖަމާކުރަނީ ތިލަފުއްޓަށެވެ. މާލޭގެ ކުނިތައް ތިލަފުއްޓަށް ގެންދަނީ ސިޓީ ކައުންސިލުންނެވެ.

މާލެ އިން ދޯންޏަށް ކުނި ބަރުކުރުމުގައި މީގެ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ވަނީ ގިނަ ކުނިތަކެއް މާލޭ ފަޅަށް ބޭރުވެފަ އެވެ. އަދި އޭގެ ކުރިން ތިލަފުއްޓަށް ކުނި ބޭލުމުގައި ގިނަ ކުނިތަކެއް މޫދަށް އެޅި މުޅި މާލޭ ސަރަހައްދަށް ވެސް ކުނި ފެތުރުނެވެ.

މާލޭ ސިޓީ ކައުންސިލް މެންބަރު މުހައްމަދު އަބްދުލްކަރީމު މިއަދު ސަން އަށް ވިދާޅުވީ ކުނި ހައިމާކުން ކަމާލުކުރުމުގައި ކޮންމެވެސް ވަރަކަށް މޫދަށް ކުނި ކޮޅެއް އެޅިދާނެ ކަމަށާއި ނަމަވެސް މޫދަށް ކުނިތަކެއް ނޭޅޭ ކަމަށެވެ.