29 Jun 2013, 09:56
އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށާއި ޚުދު އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދިޔަ އާދަޔާ ޚިލާފު ޖާސޫސީ ޙަރަކާތްތައް ޙަރަކާތްތައް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑަން ގެ މައްސަލާގައި އެމެރިކާގެ ބަލިކަށިކަން ހާމަވެ އެމެރިކާގެ ނުފޫޒާއި ހައިބަތަށް ވަރަށް ބޮޑަށް ލޮޅުން އަރާފައިވާ ކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ "ކްރިސްޓިޔަން ސައެންސް މޮނިޓާރ" ބުނެފި އެވެ.
މިނޫސް ބުނާގޮތުން ސްނޯޑަން އެމެރިކާއާއި ޙަވާލުކޮށްދިނުމަށް އެދި އެމެރިކާ އެދުނު އެދުންތައް ޗައިނާއާއި ރަޝިޔާ ބޮލާލައި ޖެހުމަކީ އެދެގައުމާ ކުރިމަތިލުމުގައި އެމެރިކާގެ ބަލިކަށިކަން ހާމަވެގެންދިޔަ ކަމެކެވެ. ސްނޯޑަން ޙަވާލުކުރުން ފަދަ ކަންކަމަށް އެހެންގައުމުތަކުގެ ކިބައިން އެމެރިކާ އެދެމުންދަނީ ދުނިޔޭގައި މިހާރު ވެސް ހަމައެކަނި އޮތްބާރަކީ އެމެރިކާކަމަށް ކުރެވޭ ބޮޑާކަމުގެ އިޙްސާސްއާއި އެހެންގައުމުތަކުގެ މަސްލަޙަތުތަކަށް އެއްވެސްވަރަކަށް ރިޢާޔަތް ނުކޮށްކަމަށްވާތީ އެމެރިކާގެ މިފަދަ ގޮވާލުންތަކާއި އެދުންތަކުގެ ސަބަބުން އެންމެފަހުން ނިކަމެތިކަން އިޙްސާސްކުރެވި ލަދުގަންނަންޖެހެނީ ވެސް ޚުދު އެމެރިކާ ކަމަށް މިނޫސްބުނެ އެވެ.
ބައިނަލްއަޤްވާމީ މަސްރަޙަށް އަތްގަދަކޮށް އދ.ގެ ސަލާމަތީ މަޖިލިސްތައްފަދަ މަޙްފަލްތަކުގައި ހަރުކަށިކަން ދައްކައި ޚުދުމުޚްތާރު އުސޫލުން ޙަރަކާތްތެރިވަމުންދާ ހަރުކަށި ގައުމެއްގެ ގޮތުގައި އެމެރިކާ ސިފަވެފައިވާއިރު އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީގެ އެންމެ އެތެރޭގައި ސްނޯޑަން މަސައްކަތްކުރަން ހުރެ އެމެރިކާގެ ޖާސޫސީ އެންމެ އަގުބޮޑު ސިއްރުތައް ލަންޑަންގެ ގާޑިޔަން ނޫހަށް ދީ ބޭޒާރުކޮށްލުމަށް ފަހު ހޮންގް ކޮންގްއަށާއި މޮސްކޯއަށް ފިލައިގެން ގޮސްފައިވާ އިރު އޭނާއާ ދެކޮޅަށް އެއްވެސް ކަމެއްކުރުމުގެ ޤާބިލްކަން އެމެރިކާގެ ކިބާގައި ނެތިފައި މިކަމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްވެސް އެއްބާރުލުން ވެސް އެމެރިކާ އަށް ނުލިބުމަކީ ދުނިޔޭގެ މަސްރަޙުގައި އެމެރިކާ ބަލިކަށިވެ ހައިބަތު ގެއްލިފައިވާކަން ހާމަކޮށްދޭ ކަމެކެވެ.
ހަމަމި މައުޟޫއަށް އެމެރިކާގެ އެހެން ނޫހެއް ކަމަށްވާ "ވޮޝިންޓަން ޓައިމްސް"ގައި ލިޔެފައިވާ އެހެން ލިޔުމެއްގައި ބުނެފައި ވަނީ ސްނޯޑަންގެ މައްސަލާގައި ޗައިނާއާއި ރަޝިޔާއިން އެމެރިކާ ނިކަމެތިކޮށް އެމެރިކާއަށް ގޮންޖަހާލާފައި ވަނީ ޚުދު އެމެރިކާގެ ރައްޔިތުންވެސް ލަދުގަނެ އެމެރިކާގެ "ބާރެއްނެތްކަން" އިޙްސާސްކުރެވޭ މިންވަރަކަށް ކަމުގަ އެވެ. މިގޮތުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސް ކަމަށްވާ ބަރަކް އޮބާމާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ މީހާ ކަމަށްވާއިރު މި ބާރުގަދަ މީހާއަށް އެމެރިކާއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ އެމެރިކާގެ ރައްޔިތަކު ވެސް އަތުލައި ނުގަނެވުމަކީ އެމެރިކާގެ އާރާއި ބާރު ދުނިޔޭގައި ކުޑަވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް "ވޮޝިންޓަން ޓައިމްސް" ގައި ސިފަކޮށްފައިވެއެވެ.