29 Jun 2013, 09:24
ޤާހިރާ (ޖޫން 29): މިސްރުގައި ސަރުކާރާ ދެކޮޅަށް ހިންގަމުން ގެންދާ އިޙްތިޖާޖްތަކާއި މުޒާހަރާތަކުގެ ތެރޭން ބާރުގަދަ އެއްގޮވުމުގެ ސަބަބުން އިތުރު މީހަކު މަރުވެ 20 މީހަކު ޒަޚަމްވުމާ ގުޅިގެންމުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުމަކީ އިސްލާމް ދީނުގައި މުޅިން މަނާކަމެއް ކަމުގެ ފަތްވާމިސްރުގެ މުފްތީ ޑރ. ޝައުޤީ ނެރުއްވައިފި އެވެ.
މިސްރުގެ އެންމެ އިސް ދީނީ ޢިލްމުވެރިޔާ އަދި ގައުމުގެ މުފްތީ ޑރ. ޝައުޤީ ޢައްލާމް ނެރުއްވި ބަޔާނެއްގައި މިސްރު ފިތްނައެއްގެ ތެރޭގައިވާ ކަމުގެ އިންޒާރު ދެއްވުމުގެ އިތުރުން މިސްރުގެ މުސްލިމް ރައްޔިތުން އެއްބަޔަކު އަނެއްބައެއްގެ ލޭ ނުއޮހޮރުވުމަށް ވަނީ ގޮވާލައްވާފަ އެވެ. މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުމަކީ އިސްލާމް ދީނުގައި މުޅިން މަނާކުރައްވާފައިވާ ކަމެއްކަން ވެސް މުފްތީގެ ބަޔާނުގައިވެ އެވެ.
އަނެއްކޮޅުން މިސްރުގައިވެރިކަންކުރާ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ މުހައްމަދުލްބިލްތާޖީ ވަނީ ރައީސް މުރުސީގެ ޝަރުޢީ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ފުރްސަތު މިސްރުގެ އިސްލާމީ ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ތާއީދުކުރާ ފަރާތްތަކުން ނުދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މިސްރުގައި ސަރުކާރާ ދެކޮޅަށް ހިންގަމުން ގެންދާ މުޒާހަރާތަކުގެ ތެރޭން ބާރުގަދަ އެއްގޮވުމުގެ ސަބަބުން އިއްޔެ އެކަކު މަރުވެ 20 މީހަކުޒަޚަމްވެފައިވަނީބޫރު ސަޢީދުގަ އެވެ. ބޫރުސަޢީދުގައި މިގޮވުން ގޮވައި މީހަކު މަރުވެފައި މިވަނީ މިސްރުގެ ދެވަނަ ސިޓީ ކަމަށްވާ އިސްކަންދަރިއްޔާގައި އިދިކޮޅު ފަރާތްތަކާއި ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ދެ މީހަކުމަރުވެ 90 މީހަކަށް ވަރަށްބޮޑަށް އަނިޔާވެފައިވަނިކޮށެވެ. މިދެމީހުންގެ ތެރެއިން އެކަކީ އެމެރިކާގެ ނޫސްވެރިއެއް ކަމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިސްރުގައި ހިނގަމުންދާ ސިޔާސީ ކޯޅުންތަކާއި ފިތްނައިގެ ސިޔާސީ އޮއިވަރުތައް ލޭއޮހޮރުވުންތަކަކަށް ބަދަލުވަމުން މިދަނީ ރައީސް މުރުސީގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތައް ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުމުޒާހަރާއަށް އެފަރާތްތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނިޑުވަޅުގަ އެވެ. އިދިކޮޅު ފަރާތްތަކުގެ ގުޅިފައިވާ ކޯލިޝަނުން ބުނެފައި ވަނީ މާދަމާ ފަށާ މުޒާހަރާތަކާއި އިޙްތިޖާޖްތައް، ރައީސް މުރުސީ އިސްތިއުފާ ދެއްވައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ތާރީޚެއް ކަނޑައަޅަންދެން ކުރިޔަށްގެންދާނެ ކަމާއި މިކަމަށްޓަކައި މުޅި މިސްރު ހުއްޓުމަކަށް ގެންނަން ޖެހުނު ނަމަވެސް އެކަންކުރާނެ ކަމުގަ އެވެ.
ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިސްރުގެ އިދިކޮޅު ފަރާތްތަކުން ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް އަމާޒު ހިފާފައިވާތާ 10 ވަރަކަށް މަސްވެފައިވާ އިރު މިސްރުގެ މަގުތަކަށްނުކުމެ ޙަރަކާތްތެރިވަމުން ގެންދިޔައީ މުޅިންކަހަލަ ގޮތަކަށް އިދިކޮޅު ފަރާތްތަކުންނެވެ. މުރުސީ އަށްތާއީދުކުރާ ފަރާތްތައް ތިބީ މަޑުންނެވެ. އިދިކޮޅު ފަރާތްތަކުގެ މި އިޙްތިޖާޖްތަކަށް ނިމުމެއްނައިސް އެކަމުގެ ސަބަބުން މިސްރުގެ އިޤްތިސާދު ހީނަރުވާން ފަށާފައިވާ އިރު އަނެއްކޮޅުން މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ސަޕޯޓަރުންނާއި މުރުސީއަށް ތާއީދުކުރާ ސަލަފީ އަދި އެނޫންވެސް ފިކުރުތަކުގެ އިސްލާމީ ޖަމާއަތްތަކާއި އެޖަމާޢަތްތަކަށް ތާއީދުކުރާ ފަރާތްތައް ވެސް މިހާރު ވަނީ މުރުސީގެ ދިފާޢުގައި މަގުތަކަށްނުކުމެ އިދިކޮޅު ފަރާތްތަކާ ކުރިމަތިލާން ފަށާފަ އެވެ.
މިސްރުގެ އިދިކޮޅު ފަރާތްތަކުން މާދަމާ ފެށުމަށް ނިންމާފައިވާ މުޒާހަރާތަކާއި އިހްތިޖާޖްތަކުގެ ސަބަބުން ލޭއޮހޮރުވުންތަކެއް ހިނގާފާނެ ކަމުގެ ބިރު ހީވެފައިވާތީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ވަނީ މިސްރަށް ނުދިޔުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރާ ޓްރެވެލް އެޑްވައިޒަރީތައް ނެރެންފަށާފަ އެވެ. މިގޮތުން އެމެރިކާގެ ޚާރިޖިއްޔާ އިން ވަނީ މިދުވަސްވަރު މިސްރަށް ނުދިޔުމަށާއި އަދި މިހާރު މިސްރުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނަށް އެނބުރި ގައުމަށް އައުމަށާ ނޫނީ މަގުތަކަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ. އަދި އެމެރިކާވަނީ ޤާހިރާގައި ހުންނަ މިސްރުގެ އެންބަސީގައި ތިބޭ މުވައްޒަފުންގެ ތެރެއިންވެސް މިސްރުން ފުރަންބޭނުންވާ ޑިޕްލޮމޭޓުންނަށާއި މުވައްޒަފުންނަށްވެސް އެފުރްސަތު ހުޅުވާލާފަ އެވެ.
އަނެއްކޮޅު މިސްރުގެ ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ ވަނީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން މިސްރު ލޭއޮހޮރުވުމެއްގެ ތެރެއަށް ވެއްޓޭތަން ބަލަން ސިފައިން ނުތިބޭނެ ކަމާއި ސިފައިންތިބީ ވަރަށް ހުށިޔާރުވެގެން ކަމުގެ އިންޒާރު ދެއްވާފަ އެވެ. ނަމަވެސް މިސްރުގެ ވެރިކަމާ އަދި ސިޔާސަތުގެ ތެރެއަށް ސިފައިން ނުވަންނާނެ ކަމަށް ޖެނެރަލް ޢަބްދުލްފައްތާޙު ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)