ދީނާއި ގައުމަށް ނުރައްކާވާ ފަދަ ހާދިސާތައް ދިމާވިޔަ ނުދިނުމަށްޓަކައި ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަ ކަމާއި އެކުވެރިކަން ވަރުގަދަ ކުރުމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އިލްތިމާސް ކުރައްވައިފި އެވެ.


ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ބޭރުގެ ބަޔަކު ރާއްޖެ އަށް  ދިން އުދުވާނީ ހަމަލާގައި، ޝަހީދުވި ދިވެހި ރައްޔިތުންގެ ހަނދާނުގައި، އިދިކޮޅު ޑީއާރުޕީން މާލޭގެ މަގުތަކުގައި ރޭ ބޭއްވި ހިނގާލުމުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ތަސްމީން ވިދާޅުވީ، އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ދިވެހި ބިމަށް އޮހޮރިފައިވާ އެންމެ ލޭތިއްކެއްގެ ހަނދާން ވެސް ފޮހެވިގެންދިޔަ ނުދެއްވާނެ ކަމަށެވެ. އަދި މިފަދަ މުނާ ސަބަތުތަކުގައި އަޅުގަނޑުމެން އަޒުމު އާކުރަންވީ، މިފަދަ ހާދިސާތައް ދިމާވިޔަ ނުދިނުމަށް ޓަކައި އަޅުގަޑުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަ ކަމާއި އެކުވެރިކަން ވަރުގަދަ ކުރުމަށް ކަމަށް ވިދާޅުވެ، އެކަމަށް ތަސްމީން އިލްތިމާސް ކުރެއްވި އެވެ. އަދި ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެކަމެއް ކުރުމުގައި ދިވެހި ރައްޔިތުންގެ ޕާޓީން ސާބިތުކަމާ އެކު ތިބޭނެ ކަމަށާއި އެކަމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


"މިކަހަލަ މުނާސަބަތުތަކުގައި އަޅުގަނޑުމެން އަޒުމު އާކުރަންވީ، މިކަހަލަ ހިތާމަވެރި ހާދިސާއެއް ގައުމަށް ދިމާވެއްޖެ ނަމަ އެކަމުން ދިފާއު ވުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށް. ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދިވެހި ރައްޔިތުންގެ ޕާޓީން ސާބިތުކަމާ އެކު ތިބޭނެ. އަދި އެކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީން ފަހަތަކަށް ނުޖެހޭނެ،"


ނޮވެމްބަރު 3 ގައި، ރާއްޖެ އަށް ދިމާވި ނުރައްކާތެރި އުދުވާނީ ހަމަލާގައި އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ވަރަށް ކެރިގެން ވަރަށް ހިތްވަރާ އެކު ހަރަކާތްތެރިވެ ވަޑައިގެންނެވި ދިވެހި ސިފައިންނަށާއި ދިވެހި ރައްޔިތުންނަށް ތަސްމީން ޝުކުރު އަދާކުރެއްވި އެވެ.


"ހަމަ އެހެންމެ އެ ހާދިސާ އިން ދިވެހި ގައުމާއި އަޅުގަނޑުމެންގެ ދީން ހިމާޔަތްކޮށް، އަޅުގަނޑުމެންގެ ގައުމު ސަލާމަތްކޮށް، ދިވެހި ރައްޔިތުން، އެ ހަމަލާއިން ސަލާމަތްކޮސްދިނުމުގައި އޭރު، ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން، އަދި ދިވެހި ރާއްޖޭގެ ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން ވަރަށް ހިކުމަތްތެރިކަމާއެކީގައި ކަންތައްތައް ރާއްވަވައި އިންތިޒާމުކޮށް ހިންގެވި އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި ޒައީމް ރައީސް މައުމޫން އަބުދުލް ގައްޔޫމަށް ވެސް ޝުކުރު ދަންނަވަން. ހަމަ އެހެންމެ މި ހާދިސާ އިން އަޅުގަނޑުމެން ސަލާމަތް ވުމަށްޓަކައި އަޅުގަނޑުމެންގެ ގައުމަށް ނުހަނު ބޭނުންވި ވަގުތުގައި ވަރަށް އިހްލާސްތެރިކަމާއެކީގައި އެހީތެރިކަން ދެއްވި އިންޑިޔާ ސަރުކާރަށާއި އިންޑިޔާގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ތަސްމީން ވިދާޅުވި އެވެ.


ރޭގެ ހިނގާލުން ފެށުމުގެ ގޮތުން ދެއްކެވި ވާހަކާގައި، އެ ޕާޓީގެ އެއް ނާއިބު ލީޑަރު އުމަރު ނަސީރު ވިދާޅުވީ، މިއަދު މި ކުރަން ޖެހޭ ހިތާމައަކީ އެ ދުވަހު އަޅުގަނޑުމެންގެ މިނިވަންކަން ނަގާލުމަށް ދިވެހި ރާއްޖެ އަށް އައި މީހުންގެ ތެރޭން ބަޔަކު މިއަދު މިގައުމުގެ ވެރިކަމަށް ސަވާރުވެ ވެރިކަމުގައި ތިބުން ކަމަށެވެ. އަދި 3 ނޮވެމްބަރުގެ ނުރައްކާތެރި އުދުވާނުން އިސްލާމް ދީނާއި ދިވެހި ގައުމު ސަލާމް ކޮށްދެއްވުމަށް، ދިވެހި ލަޝްކަރުގެ ކޮމާންޑަރުގެ ހައިސިއްޔަތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ގެންގުޅުއްވި ހިކުމަތް އަމަލީއަށް އުމަރު ޝުކުރު އަދާކުރެއްވި އެވެ. ރޭގެ ހިނގާލުމުގައި ބައިވެރިން ތިބީ ކަޅު ހެދުގަ އެވެ.