މުސްލިމުންގެ ގުޅުމުގެ ފަރާތުން ރޭ އިޝާނަމާދަށް ފަހު ބަންޑާރަ މިސްކިތުގައި ދަރުސްދޭން އުޅެނިކޮށް މާލޭ ސިޓީކައުންސިލުން އެކަމަށް ހުރަސް އަޅައި އެކަން ހުއްޓުވާފައިވާ ކަމަށް އެ ޖަމްއްޔާ އިން ބުނެފި އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މުސްލިމުންގެ ގުޅުމުގެ އިސް އޮފިޝަލަކު ވިދާޅުވީ މާލޭގެ މިސްކިތްތަކުގައި އެ ޖަމްއިއްޔާ އިން ދަރުސްދެމުން އަންނަތާ ގާތްގަނޑަކަށް 28 އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް ރޭ އިޝާނަމާދަށް ފަހު ބަންޑާރަ މިސްކިތުގައި ދަރުސްދިނުމަށް އެ ޖަމްއިއްޔާ އިން އުޅެނިކޮށް މައިކް އަތުލުމަށް ފަހު ސިޓީ ކައުންސިލްގެ ހުއްދަ ނެތި ދަރުސް ނުދެވޭނެ ކަމަށް މިސްކިތުގެ މުދިންމީހާ ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުސް ހުއްޓުވާފައި ވަނީ ހުއްދަ ހޯދަންޖެހޭކަން އެ ޖަމްއިއްޔާ އަށް ކުރިން އެންގުމަކާ ނުލައި ކަމަށެވެ. އަދި ވިދާޅުވީ އޭގެފަހުން އެނގުނުގޮތުގައި ދަރުސްދެވެނީ އެކަމުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ސިޓީ ކައުންސިލަށް ހުށަހެޅުމުން ކަމަށެވެ.

އެ ފޯމަށް ބަލާއިރު އެ ފޯމަކީ ދަރުސްދިނުމަށް ހުރަސްއެޅޭގޮތަށް ހަދާފައިވާ ފޯމެއް ކަމަށާއި އެ ފޯމްގައި އޮންނަ ގޮތުން ދަރުސް ދިނުމަށް ހުއްދަދެވޭ ގަޑިތަކަކީ ރޭގަނޑު 9:00 އިން ފެށިގެން 10:00 އަށާއި އަދި 10:00 އިން ފެށިގެން 11:00 އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގަޑިތަކަކީ އާންމުކޮށް މީހުން ދަރުސް އަޑުއަހާ ވަގުތުތަކެއް ނޫންކަމަށާއި އަސްރު ނަމާދަށް ފަހު ދަރުސް ދިނުން މަނާކުރާގޮތަށް އުސޫލުހަމަޖެހިފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދަރުސްދިނުމުގެ ހުއްދައަށް އެދޭ ފޯމްގައި ދަރުސްގެ މައުޟޫއާއި އެ މައުޟޫގައި ދައްކާ ވާހަކަތަކުގެ ޕޮއިންޓުތައް ލިޔަން ޖެހޭ ކަމަށެވެ. އަދި ދަރުސްދިނުމަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވެސް ހުށަހަޅަން ޖެހޭއިރު ސިޓީކައުންސިލްގައި އެ ސެޓްފިކެޓް ވެރިފައި ކުރެވޭ ވަރުގެ ބޭފުޅުން ތިއްބެވިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރު އަހްމަދުﷲ ޖަމީލު ވިދާޅުވީ މުސްލިމުންގެ ގުޅުމުން ދޭން އުޅުނު ދަރުސްއަކަށް އެ ކައުންސިލުން ހުރަސްއަޅާފައި ނުވާނެ ކަމަށާއި މިސްކިތްތަކުގައި ދަރުސްދެވޭނީ ހުއްދަ ހޯދައިގެން ކަން އެ ޖަމްއިއްޔާ އަށް އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ އެ ކައުންސިލުން ދުކުރަން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމަކުން އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާތީ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ފަށާފައި ވަނީ އެންމެންގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރުސްދިނުމުގެ ހުއްދައަށް އެދޭ ފޯމްގައި ދަރުސްގައި ދައްކާ ވާހަކަތަކުގެ ޕޮއިންޓް ލިޔަން ޖެހޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށާއި ނަމަވެސް ދަރުސްގެ މައުޟޫ އެ ފޯމްގައި ލިޔަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ދީނީ ސަރުސްދިނުމަށް ހުއްދަދެއްވާފައިވާ ކޮންމެބޭފުޅަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި މިސްކިތްތަކުގައި ދަރުސްދިނުމަށް އެ ކައުންސިލުން އަބަދުވެސް ހުއްދަދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދަރުސް ދޭ ގަޑި ކަނޑައަޅާފައި ވަނީ ރާއްޖޭގެ އާދަކާދައަށް ބެލުމަށް ފަހުގައި ކަމަށާއި އިޝާނަމާދަށް ފަހު ވަގުތުން ދަރުސްދޭން ފަށައިފިނަމަ ސުންނަތް ކުރާ މީހުންނަށް އުނދަގޫވާނެ ކަމަށެވެ.