28 Jun 2013, 23:31
ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުން 2-0 ން ކްލަބް ވެލެންސިޔާ ބަލިކޮށް، ކްލަބް އީގަލްސް މޮޅަކާއެކު ތިންވަނަ ބުރުގެ ފަށައިފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ހަތްވަނަ މިނިޓްގައި ޔޫސުފް ރަމީޒް ތަނަވަސްކޮށްދިން ފުރުސަތަކުން އީގަލްސްއަށް ކުރި ހޯދައިދިނީ އިބްރާހީމް ފުރުގާން އެވެ. އަދި މެޗުގެ 25 ވަނަ މިނިޓްގައި ފުރުގާން ތަނަވަސްކޮށްދިން ފުރުސަތަކުން، އީގަލްސްއަށް ނަތީޖާ ފުޅާކޮށްދިނީ އާދަމް ޝާހިރު އެވެ.
މިއަދުގެ މެޗުގެ ނަތީޖާއާއެކު ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު 15 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެ ކްލަބް އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. 17 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބީޖީ ހަތަރު ވަނައިގައި އޮތްއިރު، މިއަދުގެ މެޗުން ބަލިވި، ވެލެންސިޔާ ތާވަލުގެ ތިންވަނައިގައި އޮތީ 21 ޕޮއިންޓާ އެކުއެވެ.
ލީގުގައި މާދަމާ ހަވީރު 4:00ގައި ފަށަން ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ 28 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، ބީޖީ ސްޕޯޓްސް އެވެ.
މާދަމާގެ މެޗުން މާޒިޔާ މޮޅު ނުވެއްޖެ ނަމަ، 42 ޕޮއިންޓާއެކު ތާވަލްގެ ކުރީގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލީގު ކަށަވަރު ވާނެ އެވެ. އަދި މާޒިޔާ އެމެޗުން މޮޅުވި ނަމަވެސް، ތާވަލުގެ ހަ ވަނައިގައި 15 ޕޮއިންޓާއެކު އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އާ ދެކޮޅަށް އާދީއްތަ ދުވަހުގެ ރޭ، ނިއު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެ ކްލަބަށް ލީގު ކަށަވަރު ވާނެ އެވެ.