ދިރާގު މޯލްޑިވްސް ރޯޑް ރެހުގެ އޯޕަން ކެޓަގަރީގެ އެއްވަނަ، ގައުމީ ދުވުންތެރިޔާ އާމިނަތު ނަޒްރާ އަދި ރާއްޖޭގައި މަސައްކަތްކުރާ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ޓިމޮތީ ސައުތޯލް ހޯދައިފި އެވެ.

ރާއްޖޭގައި ދިރިއުޅޭ ދެ ޖިންސުގެ ހުރިހާ އެންމެންނަށް ހުޅުވާލައިގެން މާލޭގައި ބޭއްވި އެންމެ ބޮޑު ރޯޑްރޭހުގެ މިއަހަރުގެ އޯޕަން ކެޓަގަރީގެ އަންހެން އެއްވަނައަށް ހޮވުނު ނަޒުރާ، ރޭސް ނިންމާފައި ވަނީ 24 މިނިޓު 43 ސިކުންތުންނެވެ. އަދި ފިރިހެން އެއްވަނަ މަގާމް ހޯދި ޓިމޮތީ ރޭސް ނިންމާފައިވަނީ، 18 މިނިޓު 27 ސިކުންތުން ނެވެ.

މީގެ ހަތް އަހަރު ކުރިން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާގުން އިންތިޒާމް ކޮށްގެން ބާއްވަމުން ގެންދާ މި ބޮޑު އިވެންޓް، ދިރާގު މޯލްޑިވްސް ރޯޑްރޭސް މިފަހަރު ކުރިއަށް ގެންގޮސްފައި ވަނީ "ކުޑަކުދިންނަށް ކުރާ އަނިޔާ ތަކާ ދެކޮޅަށް" މި ޝިއާރުގެ ދަށުންނެވެ.

ގާތް ގަނޑަކަށް 2600 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ ރޯޑް ރޭހުގައި އުމުރުން ހަތް އަހަރުން ފެށިގެން މަތީގެ ކުޑަ ކުދިންނާއި، ޒުވާނުންނާއި، ދުވަސްވީ މީހުންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ބައިވެރި ވެފައި ވެއެވެ.

ހެންވޭރު ކޮޅު ރާޅުގަނޑު ސަރަހައްދުން ފެށިގެން މާލެ ވަށައިގެން 5.3 ކިލޯ މީޓަރަށް ދުވަންޖެހޭ ރޭސް ކުރިއަށް ގެންދިޔަ ގަޑީގައި ރާޅު ގަނޑު ސަރަހައްދުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅު ޝިއާރުތައް ފާޅުކުރުމާއި، މިއުޒިކާއި، މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުވުމުގެ ހަރަކާތް ތަކެއްވެސް ވަނީ ކުރިއަށް ގެންދިޔަ އެވެ.

ޖުމުލަ 72000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި މެޑެލް ހުށަހެޅުނު މިފަހަރުގެ ރޯޑްރޭހުގައި، އޯޕަން ކެޓަގަރީގެ އިތުރުން ދެޖިންސު ވަކިން، ސްކޫލް ޖޫނިއާ 13 އަހަރުން ދަށާއި ސްކޫލް ސީނިއާ 13 އަހަރުން މަތި، އަދި 45 އަހަރުން މަތީގެ ކެޓަގަރީ ހިމަނާފައި ވެއެވެ.

ސްކޫލް ކެޓަގަރީގެ 13 އަހަރުން ދަށުގެ ބައިން އެއްވަނަ ހޯދީ، ރަބާ އިސްމާއީލް އާތިފްއާއި މުހައްމަދު މިރާޝް އިމްތިޔާޒް އެވެ. އެ ދެ ދުވުންތެރިން ރޭސް ނިންމާފައިވަނީ 28 މިނިތް 35 ސިކުންތު އަދި، 25 މިނިޓް 10 ސިކުންތު އިން ނެވެ.

އަދި 13 އަހަރުން މަތީގެ ބައިން އެއްވަނަ ހޯދީ، ފާތިމަތު ޝައިލާން އަފްޒަލްއާއި މޫސާ މުފީދު އެވެ. އެދެ ދުވުންތެރިން ރޭސް ނިންމާފައިވަނީ، 28 މިނިތް 35 ސިކުންތު އަދި، 21 މިނިޓް 29 ސިކުންތު އިން ނެއެވެ.

އަންހެން 45 އަހަރުން މަތީގެ ބައިން އެއްވަނަ ހޯދި މޭޑް ރަނާސްގެ ޕެޓްރީޝިއާ ޑޮރީން ގޮމޭޒް ރޭސް ނިންމީ 29 މިނިޓް 20 ސިކުންތުންނެވެ. އަދި އެ ކެޓަގަރީގެ ފިރިހެން އެއްވަނަ ހޯދި ޢަބްދުﷲ މަޙްރީން ރޭސް ނިންމީ 22 މިނިޓް 2 ސިކުންތުން ނެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ދިރާގުން ބޭއްވި ދިރާގު މޯލްޑިވްސް ރޭހުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްބީސީއާއި ސޮނީ ސްޕޯޓްސް އެވެ. އަދި ސޯޝަލް ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ދެ ޖާމާއަތެއް ކަމަށްވާ ކެޕްސްއާއި އާކް އެވެ.