އޯޓްސް އަކީ ވަރަށް ގިނަ ގޭގޭގައި ގެންގުޅޭ ކާ އެއްޗެކެވެ. އޯޓްސް އިން ހެނދުނުގެ ނާސްތާ ތައްޔާރު ކުރެވޭ އިރު، މަފިންސް ނުވަތަ ޕޭން ކޭކްސް ހަދާއިރު އެއަށް ވެސް އަޅައިގެން ބޭނުން ކުރެވެ އެވެ. އަދި މީގެ އިތުރުން "އޯޓްމީލް ކުކީސް" ވެސް އޯޓްސް އިން ތައްޔާރު ކުރެވިދާނެ އެވެ.

ކާނާގެ ގޮތުގައި އެކި ބޭނުން ހިފޭ އޯޓްސް އަކީ ގިނަ ބިއުޓީ ޕްރޮޑަޓްސް ގައިވެސް ހިމެނޭ އެއްޗެކެވެ. އެގޮތުން އޯޓްމީލް ސްކްރަބް، މާސްކް އަދި ލޯޝަން ވެސް ލިބެން ހުރެއެވެ.

އޯޓްސް އަކީ ކުރީ ޒަމާނުއްސުރެ ޒީނަތްތެރި ވުމުގެ އެކި ކަންކަމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން އެންޝިއަންޓް ގްރީސް އާއި ރޯމަނުން ހަމުގެ އެކި އެކި ބޭނުމަށް އޯޓްސް އިން ފެންވަރާ ކަމަށް ޑޮކިއުމަންޓް ކޮށްފައި ވެއެވެ. ރީތި ކަމުގެ ރާނީ ކްލިއޯޕެޓްރާ ވެސް ޒީނަތްތެރި ވުމުގެ ގޮތުން އޯޓްސް ބޭނުން ކޮށްފައި ވެއެވެ. ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި އޯޓްސް ފުރަތަމަ އުފެދިގެން އައިވެސް އިޖިޕްޓް އިންނެވެ.
އޯޓްސްއިން ހަމަށާއި ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ކުރެއެވެ. އެގޮތުން، ހަންގަނޑު ސާފުކޮށް ބެހެއްޓުމަށާއި، މޮއިސްޗަރައިޒް ކުރުމަށާއި، އެކްސްފޯލިއޭޓް ކުރުމުގެ އިތުރުން އެންޓި-އިންފްލިމޭޓަރީ އެއްގެ ގޮތުގައި ވެސް އޯޓްސް ގެ ބޭނުން ހިފެއެވެ.

ހަރަދު ކުޑަކޮށް އަދި ފަސޭހައިން ގޭގައި އޯޓްސް ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ ބައެއް ޓްރީޓްމަންޓް ތަކަކީ:
1. އޯޓްމީލް މާސްކް
ބޭނުން ވާނެ ތަކެތި:
¾ ޖޯޑު އޯޓްސް
3/1 ޖޯޑު ހޫނު ފެން

މީގެ އިތުރުން މާމުއި، ލުނބޯ، ބިސް، ޒައިތޫނި ތެޔޮ އަދި ދޮންކެޔޮވެސް ބޭނުން ކުރެވިދާނެ އެވެ.

ތައްޔާރު ކުރާނެ ގޮތް: މޫނު ރީތި ކޮށް ދޮވެ ސާފު ކޮށްލާށެވެ. އޯޓްސް ފެނާއި އެއްކުރުމަށްފަހު ޕޭސްޓެއް ހަދާލާށެވެ. ބޭނުން ނަމަ މާމުއި، ލުނބޯ، ބިސް، ޒައިތޫނި ތެޔޮ އަދި ދޮންކެޔޮ އަޅައި އެއްކޮށްލާށެވެ.
(މި ހުރިހާ އެއްޗެއް ކޮންމެހެން އެއްފަހަރާ އަޅާކަށް ނުޖެހެއެވެ. އެކި ދުވަހު އެކި އެއްޗެހި އަޅައި ހަމާ ގުޅޭ އެންމެ ރަނގަޅު އެއްޗެއް ބޭނުން ކުރެވިދާނެއެވެ. ބިހި ނަގައި މޫނުގައި ލަކުނު ހުންނަ ކަމަށް ވާނަމަ ލުނބޯ އަދި މާމުއި މި މާސްކް އަށް އެޅުމުން ވަރަށް ރަނގަޅު ފަރުވާ އަކަށް ވާނެއެވެ.)

ތައްޔާރު ކުރެވުނު މާސްކް މޫނުގަޔާއި ކަރުގައި (ލޯކައިރި ނުލާ) ހޭކުމަށްފަހު ހިކެންދެން ތަނެއްގައި އޮށޯވެލާށެވެ. (މިގޮތަށް އޮންނަ އިރު މޫނު ހިރުވާ ގޮތެއް ހުރެދާނެ އެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ.) މާސްކް އެއްކޮށް ހިކުމުން ނުވަތަ 20 ވަރަކަށް މިނިޓް ފަހުން ރީތިކޮށް މޫނު ދޮވެލާށެވެ. މި މާސްކް ހުންނާނީ މޫނަށް ވަރަށް ބޮޑަށް ހިފައިފައި ކަމުން ފުރަތަމަ މާސްކް މަތީ ފެން ހޭކުމަށްފަހު މަޑު މަޑުން މާސްކް ސްކްރަބް ކުރާ ގޮތަށް މޫނުން ދޮވެލާށެވެ. އެއަށް ފަހު އަބަދުވެސް ބޭނުން ކުރާ ޓޯނަރ އަދި މޮއިސްޗަރައިޒަރ ބޭނުން ކުރާށެވެ. މޫނު ހުންނާނީ ވަރަށް ބޮޑަށް މަޑުވެ ކުލަ އަލިވެފައެވެ.

ވަރަށް ބޮޑަށް ބިހި ނަގައިފައި ވާނަމަ ބިހިތައް ރަނގަޅުވަންދެން މި މާސްކް ދެދުވަހުން އެއްދުވަހު ބޭނުން ކޮށްލެވިދާނެއެވެ. އެއަށްފަހު ހަފްތާއަކު ދެފަހަރު ނުވަތަ އެއްފަހަރު ބޭނުން ކޮށްލެވިދާނެއެވެ.
2. އޯޓްމީލް ސްކްރަބް
ބޭނުންވާނެ ތަކެތި:
2 ސައިސަމުސާ އޯޓްމީލް (މިކްސްޗަރުން މުގުރާފަ ހަނޑޫ ފުށް ގޮތަށް)
ލުނބޯ ނުވަތަ ގްރޭޕް ފްރުޓް

ތައްޔާރު ކުރާނެ ގޮތް: ލުނބޯ ނުވަތަ ގްރޭޕް ފްރުޓް ތޮށި މެށުމަށްފަހު މުގުރާފަ ހުރި އޯޓްމީލް އާއި އެކީ މިކްސްޗަރުން އެއްކޮށްލާށެވެ. ތައްޔާރު ކުރެވުނު ޕެކް މޫނާއި ގައި ވެސް ސްކްރަބް ކުރަން ބޭނުން ކުރެވިދާނެއެވެ. ސްކްރަބް ކުރުމަށްފަހު ތާފަނާ ފެނުން ދޮވެލުމަށްފަހު ފިނިފެނުން ވެސް ދޮވެލާށެވެ. މީހާ ހުންނާނީ ތާޒާވެ އުޖާލާވެފަ އެވެ.

3. މޫނުގައި ބިހި އާދަޔާ ހިލާފަށް ގިނަ ނަމަ، އޯޓް ތައް ފެނަށް އަޅައި ކައްކާލާށެވެ. އެއަށްފަހު ފިނި ވަންދެން ބެހެއްޓުމަށްފަހު މާމުޔާއި އެއްކުރުމަށްފަހު ބިހި ނަގާފައި ހުރި ތަންތަނުގައި ހާކާށެވެ. 20 ވަރަކަށް މިނިޓް ހުރުމަށްފަހު ދޮވެލާށެވެ. މިއީ ފަސޭހައިން ކުރެވޭ އަދި ވަރަށް ފައިދާ ކުރާ ޓްރީޓްމަންޓެކެވެ.