28 Jun 2013, 21:16
ސިފައިންގެ 121 އަހަރީ ދުވަހާއި ގުޅިގެން ކ. ތުލުސްދޫގައި ސިފައިންގެ ފޮޓޯ މައުރަޒެއް ހުޅުވައިފި އެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ތުލުސްދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ފޮޓޯ މައުރަޒު ހުޅުވައިދެއްވީ ޝަރަފްވެރި މެހެމާން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އަހްމަދު ނައީމް މުހައްމަދު އެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާޖެނެރަލް އަހްމަދު ޝިޔާމް އާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.
ފޮޓޯ މައުރަޒު ޚާއްސަކޮށްފައި ވަނީ ސިފައިންގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މައުރަޒެއްގެ ގޮތުގައި ތަފާތު ސެގްމަންޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ނޮވެމްބަރު ތިނެއްގެ ހާދިސާ އާއި ސިފައިންގެ ލީޑާ ޝިޕާއި ސިފައިންގެ ޓްރެއިނިންތަކާއި ތަމްރީންތަކާއި ސިފައިންގެ ޕްރޮޓޮކޯލްތައް އަދި ތުލުސްދޫ ސަރަހައްދުގައި ސިފައިންގެ ހަރަކާތްތައް ދައްކުވައިދޭ ފޮޓޯތައް ހިމަނާފައި ވެއެވެ.
މީގެއިތުރުން އަހަރީ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެރަށުގައި ސިފައިންގެ ބަޑިބޭހުގެ ކުޅިވަރާއެކު މިޔުޒިކް ޝޯއެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގައި ސިފައިންގެ ކޮޕްސް ބޭންޑާއި ތުލުސްދޫ ފަންނާނުންގެ ތަފާތު ގިނަ މިއުޒިކް އައިޓަމްތަކާއި ސަގާފީ އައިޓަމްތައް ވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.