28 Jun 2013, 17:57
ރާއްޖެ މިއަދު ވެއްޓިފައިވާ ހާލަތުން ރާއްޖެ އަށް ސުލްހަ އާއި އަމާންކަން ގެނެސް ދެވޭނެ ޕާޓީ އަކީ ޕީޕީއެމް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ރޭ ރ. އަތޮޅު ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު ޖަމީލު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ޢުމްރާނީ ތަރައްގީ އާއި ވިޔަފާރިތަކާއި ރައްޔިތުންގެ ތަނަވަސްކަން ކުރިއަށް ދާނީ ރާއްޖެއަކީ ސުލްޙަވެރި އަމާން ތަނަކަށްވެގެން ކަމަށާއި އެކަން ކޮށްދިނުމުގެ ގާބިލުކަން ލިބިގެންވާ ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
ޖަމީލު ވިދާޅުވީ ސުލްހަވެރިކަމާއި އަމާންކަން އެތަނެއްގައި ނެތް ހިނދެއްގައި އެތަނަކަށް ބަޔަކު އިންވެސްޓްކޮށްގެން ވިޔަފާރި ކުރަން ނާންނާނެ ކަމަށެވެ.
"އެތަނަށް ބަޔަކު އިންވެސްޓެއް ނުކުރާނެ، އެތަނެއްގައި ބަޔަކު ރިސޯޓު ހުޅުވަން ބޭނުން ނުވާނެ، އެތަނަކަށް އެމީހުން ދުނިޔޭގެ އެހެނިހެން ގައުމުތަކުން ވަރަށް ފަސޭހަކަމާއިއެކީގައި އިންވެސްޓްކޮށް ފައިސާ އެތަނަކަށް ހޭދަކޮށް ވިޔަފާރި ފުޅާކޮށް ވަރަށް ބޮޑެތި ފައިދާތަކެއް އޮވެފައި ރާއްޖެ ފަދަ ތަނަކަށް އެމީހުން އަންނާނީ ރާއްޖެއަކީ ސުލްހަވެރި އަމާން ވިޔަފާރި ކުރެވޭ ފަދަ މާހައުލެއް ރާއްޖޭގައި އޮތް ކަމުގައިވާނަމަ." ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލު ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައި އަމަން އަމާންކަން ގާއިމުކޮށްދެއްވައިފައި ކަމަށެވެ. އަދި ބޮޑެތި ކުންފުނިތަކުންނާއި އެކި ގައުމުތަކުގެ އިސްވެރިން ރާއްޖެ ވަޑައިގެންފައި ވަނީ އޭރު ރާއްޖޭގައި އޮތް ސުލްޙަވެރިކަމާއި މީހުންގެ އެކުވެރިކަމާއި އަމަން އަމާންކަމަށް ލޯބިކުރުމާއި އަމުރަށް ކިޔަމަންތެރިވުމުގެ ތަބީއަތާއި ފިކުރުގެ މައްޗަށް އިތުބާރުކޮށްގެން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ފުލުހުންނާއި ތަޅާނެ ކުދިން ކޮޅެއް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކުރައްވައި ޖަމީލް ވިދާޅުވީ "ޕީޕީއެމް އިން އެއްވެސް ދުވަހެއްގައި ފުލުހުންނާއި ތަޅާނެ ކުދިން ކޮޅެއް ހޯދަންވެއްޖެ އޭ ނުބުނާނެ" ކަމަށެވެ.
އަދި އިސްތިޢުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ތަޅަން އެންގެވިތާ 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާން ތިބި ފުލުހުންގެ މީހަކު މަރާލާފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމްއަކީ އުސްފަސްގަނޑަށް އަރައި އެމީހެއްގެ އަތުގައި ޖެހުނު އެއްޗެއް ހިފައިގެން ގޮސް ހަމަލާދޭން ބުނާނެ ޕާޓީއެއް ނޫން ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ހާދިސާގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ވިދާޅުވީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ފަރާތްތަކުން ތަން ތަނަށް އަރައި "ދެނެއް ނުހުންނާނެއޭ، ތިމަންނަމެންނާ ސިޔާސީ ގޮތުން ދިމާކުރި މީހުން ތިބޭނީ ފަނާކޮށް ނައްތާލާފައޭ"، ވިދާޅުވަމުން ގެންދަވާ ކަމަށާއި އެގޮތަށް ވާހަކަ ދެއްކީމާ ވެސް އެކަމަށް ތަރުހީބުދޭ ބަޔަކު ތިބި ކަމީ ދިވެހިން މިއަދު ލަދުވެތި ވާންޖެހޭ ކަމެއް ކަމަށެވެ.