28 Jun 2013, 15:20
ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 6-7ން އިޓަލީ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އެ މުބާރާތުގެ ފައިނަލަށް ގޮސްފި އެވެ.
ބްރެޒިލްގެ ފޯޓަލޭޒާގައި އިޓަލީއާ ދެކޮޅަށް ރޭ ކުޅުނު މެޗް، ސްޕެއިން ކާމިޔާބު ކުރުމުން އަންނަ އާދީއްތަ ދުވަހުގެ ރޭ ރިއޯގެ މަރްކާނާ ސްޓޭޑިއަމްގައި އޮންނަ ފައިނަލް މެޗްގައި ސްޕެއިން ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލްއާ ދެކޮޅަށެވެ.
ރޭގެ މެޗުގެ 90 މިނިޓުގައިވެސް އިޓަލީ ޓީމުން ވަނީ ސްޕެއިން ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތިކޮށް އަދި ހަމަ އެހެންމެ ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެފަ އެވެ. އެހެން ނަމަވެސް އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ބޭނުން ނުކުރެވުމުގެ ސަބަބުން އެންމެ ފަހުން މެޗުން ބަލިވީ އެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލްގައި 4-0 ން އިޓަލީ އަތުން މޮޅުވި ސްޕެއިންގެ ޓީމުން ފެނިގެން ދިޔައީ މީގެ ކުރިން އެޓީމުން ފެނިފައިވާ އާދަޔާ ހިލާފް މޮޅު ކުޅުމާ އަޅާ ބަލާއިރު ދަށް ކުޅުމެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އިތުރަށް ކުޅުނު 30 މިނިޓުގެ ތެރޭގައި އިޓަލީގެ އެމެނުއެލް ގިއަކެރިނީ ފޮނުވާލި ބާރު ހަމަލާއެއް ސްޕެއިންގެ ގޯލްދަނޑިއަށް އަމާޒުވެފައިވާއިރު، ސްޕެއިންގެ ޒާވީ ހެނާންޑޭޒް ފޮނުވާލި ބާރު ޝޮޓެއް ކީޕަރު ބުފޮންގެ އަތުގައި ޖެހިފައިގޮސް ބޭރުވީ ގޯލްދަނޑީގައި ޖެހިފަ އެވެ.
ސެމީފައިނަލްގައި 120 މިނިޓު ކުޅެގެންވެސް ނަތީޖާ ވަކި ކޮށްޅަކަށް ބުރަ ނުވުމުން އެންމެ ފަހުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ފުރަތަމަ ޖެހި 12 ޕެނަލްޓީ ދެޓީމްގެ ކުޅުންތެރިންވެސް ވަރަށް ފުރިހަމަ އަށް ކާމިޔާބު ކޮށްފައި ވަނިކޮށް އިޓަލީގެ ލިއަނާޑޯ ބޮނޫކީ ޖެހި ޕެނަލްޓީ ކީޕަރު އިކާ ކަސިލަސްގެ ބޯމަތިން ހުރަސްދަނޑީގެވެސް މަތިން ފޮނުވާލާފައި ވަނިކޮށް މެންޗެސްޓާ ސިޓީއާ އަލަށް ގުޅުނު ޖީސަސް ނަވާޒް ވަރަށް ރީތިކޮށް އިޓަލީގެ ގޯލަށް އޭނާ ޖެހި ޕެނަލްޓީ ވައްދާލައިގެން ސްޕެއިން މެޗް ކާމިޔާބު ކުރީ އެވެ.
މުބާރާތުގެ ތިންވަނަ ހޮވާމެޗުގައި އާދީއްތަ ދުވަހުގެ ރޭ އިޓަލީ ނުކުންނާނީ، ސެމީ ފައިންގެ ފުރަތަމަ މެޗުން ބްރެޒިލް އަތުން ބަލިވި، ދެކުނު އެމެރިކާގެ ޗެމްޕިއަން އުރުގުއޭއާ ދެކޮޅަށެވެ.