ސައުތު އެފްރިކާގެ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ އަދި ދޮންމީހުންގެ ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް "ހަނގުރާމަ" ކުރެއްވި ނެލްސަން މަންޑޭލާގެ ހާލުކޮޅު ކުރިއަށް ވުރެ ރަނގަޅުވަމުން އަންނަ ކަމަށް ސައުތު އެފްރިކާގެ ސަރުކާރުން ބުނެފި އެވެ.

މަންޑޭލާގެ ދަރިކަނބަލަކާ ހަވާލާދީ ސީބީ ނިއުސް ބުނި ގޮތުގައި އާއިލާގެ މީހުން ގޮވާލުމުން މަންޑޭލާ ލޯ ހުޅުވާލައްވަ އެވެ. އަދި އަތް ދިއްކުރުމުން އަތުގައި ހިއްޕަވަ އެވެ.

ސައުތު އެފްރިކާގެ ރައީސް ޖޭކަބް ޒުމާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަންޑޭލާގެ ޑޮކްޓަރުންގެ ޓީމުން ލިބެނީ ހިތްވަރުގެ ހަބަރުތައް ކަމަށެވެ.

ޒުމާ ވަނީ ބުރާސްފަތި ދުވަހު މޮޒަންބީކަށް ކުރައްވަން އޮތް އިންޓަނޭޝަނަލް ދަތުރެއް ކެންސަލް ކުރައްވައިފަ އެވެ. އަދި ދެ ދުވަހުގެ ތެރޭގައި އޭނާ ވަނީ މަންޑޭލާ އޮންނެވި ހޮސްޕިޓަލަށް ދެ ފަހަރަށް ވަޑައިގެން މަންޑޭލާ އަށް ޒިޔާރަތް ކުރައްވައިފަ އެވެ.

މަންޑޭލާއަކީ ސައުތު އެފްރިކާ އަޅުވެތިކޮށްގެން އޮތް ދޮން މީހުންގެ ނަސްލީ ތަފާތުކަމުން އެ ގައުމުގެ ރައްޔިތުން މިނިވަންކޮށްދެއްވި ލީޑަރެވެ. އެ މިނިވަންކަން ހޯއްދެވުމަށް އެ މަނިކުފާނު ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި 27 އަހަރު ހޭދަކުރައްވާފައިވެ އެވެ. އަދި އެ އަށް ފަހު 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުން ފުރަތަމަ އެ ގައުމުގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ ރެކޯޑް ހެއްދެވި އެވެ.

މަންޑޭލާގެ ފުއްޕާ މޭގެ އާލާސްކަންފުޅެއް ޖެހުނީ ރޮބިން އައިލެންޑްގެ ޖަލުގައި ހޭދަ ކުރައްވަނިކޮށް 1980 ވަނަ އަހަރު އެވެ. މަންޑޭލާ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަނީ ވެސް އެ ބައްޔަށެވެ. -- މައުލޫމާތު/ މީޑިއާ ރިޕޯޓްސް