28 Jun 2013, 13:16
މާތްވެގެންވާ މައްކާ (ޖޫން 28): މި އަހަރުގެ ޙައްޖުމޫސުމުގައި ބޭރުގައުމުތަކުން އަންނަ ޙައްޖުވެރިންގެ ޢަދަދު ފަސްބައިކުޅަ އެއްބަ އަށް އަދި ސައޫދީގެ ތެރެއިން ޙައްޖަށް ދިޔުމަށް ފުރްސަތު ދެވޭމީހުންގެ ޢަދަދު ދެބައިކުޅަ އެއްބަޔަށް ދަށްކޮށްފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ޝަރްޢީ ކަންތައްތަކާ ބެހޭ ސައޫދީ ކައުންސިލް (މަޖްލިސުލްޤަޟާއުލްޢަޢްލާ) އިން ބުނީ މި އަހަރު ހައްޖަށްދާ ޙައްޖުވެރިންގެ ޢަދަދު ފަސްބައިކުޅަ އެއްބައަށް އަދި ސައޫދީގެ ތެރެއިން ޙައްޖަށްދިޔުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް ދަށްކުރުމަށް އެދި ސަރުކާރުން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް އެކަން އެގޮތަށް ކުރިޔަށްގެންދިޔުން ޖާއިޒު ކަމަށް (ދީނީގޮތުން ހުއްދަ ކަމަށް) ސަރުކާރަށް އަންގާފައިވާނެ ކަމުގަ އެވެ.
ޙައްޖުވެރިންގެ ޢަދަދު މަދުކުރުމުގެ މައްސަލަ ޝަރްޢީ ކަންތައްތަކާ ބެހޭ ސައޫދީ ކައުންސިލްއަށް ހުށަހެޅީ ހައްޖުގެ ކަންތައްތަކާ އަދި އަވްޤާފާބެހޭ ސަޢޫދީ ވުޒާރާއިންނެވެ. ޙައްޖުވެރިންގެ ޢަދަދު މަދުކުރުމަށް އެވުޒާރާއިން ދެއްކި ސަބަބަކީ މައްކާގެ މަސްޖިދުލްޙަރާމް ގެ ސަރަހައްދު (ޙަރަމްފުޅުގެ ސަރަޙައްދު) ބޮޑުކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ޖާގަދިނުމެވެ.
މިއީ ޙައްޖުވެރިންގެ ޢަދަދު މަދުކުރުމަށް ޖާއިޒު ކަމެއްކަމަށް ނިންމައި ޝަރްޢީ ކަންތައްތަކާބެހޭ ސައޫދީ ކައުންސިލްގެ ޢިލްމުވެރިންވަނީ ޙައްޖުވެރިންގެ ޢަދަދު މަދުކުރުމުގެ ހުއްދަ ޙައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއަށް ދީފަ އެވެ. ހަރަމްފުޅު ބޮޑުކުރުމުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިޔަށްދާ އިރު ޙައްޖުވެރިންގެ ޢަދަދު މަދުކުރުމަކީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންތެރިކަމެއް ކަމަށްވެފައި މިމަސައްކަތްތަކުގެ ސަބަބުން ހަރަމްފުޅު ބޮޑުވެ މުސްތަޤްބަލްގައި ހައްޖުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުކުރުމަށް މަގުފަހިވެގެންދާނެތީ މިއަހަރު ޙައްޖުވެރިންގެ ޢަދަދު މަދުކުރުމަކީ ޖާއިޒް ކަމެއްކަމަށް މައްކާގެ ޙަރަމްފުޅާއި މަސްޖިދުއްނަބަވީގެ އިސް އިމާމުންވެސްވަނީ ބަޔާންތައް ނެރުއްވާފަ އެވެ. (އަލްޖަޒީރާ)