04 Nov 2010, 06:24
ހުޅުމާލޭގައި އެމްޓީސީސީން ޓެކްސީ ކުރަން ފެށުމާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން ހުޅުމާލޭ ޓްކްސީ ޑްރައިވަރުން މުޒާހަރާ ކުރަމުން އެބަގެންދެ އެވެ.
މުޒަހަރާކުރާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނި ގޮތުގައި ގޮތުގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަން(އެޗްޑީސީ) އޮފީސް ދޮށައް 150 އެއްހާ މީހުން އެއްވެ މިއަދު ހެނދުނު 10:00 އިން ފެށިގެން މުޒާހަރާ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ މައްސަލައަކީ އާންމު ރައްޔިތުންނަށް ޓެކްސީ ބޯޑު ނުދީ އެމްޓީސީސީގެ ޓެކްސީތަކެއް މިތަނަށް ގެނައުމާ އާންމު ރައްޔިތުން ކުރާ މިކަހަލަ ކުދި ކުދި ވިޔަފާރީގެ ތެރެއަށް އެކަހަލަ ބޮޑެތި ކުންފުނިތަކުން ވަނުން" މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޔެވެ.
މުޒާހަރާ ކުރާ މީހުންނަށް ޖަވާބުދާރީ ވުމުގެ ގޮތުން އެ ބޯޑުގެ އެއްވެސް މެންބަރަކު އަދިވެސް ނާންނަކަމަށް ސަންއެފް އެމް އޮންލައިންއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ޓެކްސީ ޑްރައިވަރުންނާއިއެކު ޓްކްސީ ދުއްވުމުގެ ހުއްދަ ބޭނުވާ ބައެއް އާންމު ރައްޔިތުން ވެސް މުޒާހަރާ ކުރަން ނުކުމެ އެބަތިއްބެވެ. ސުލްހަވެރި މުޒާހަރާ މިއަދުގެ މެންދުރު ނަމާދު ވަގުތަށް ހުއްޓާލާނެކަމަށް ވެސް މުޒާހަރާ ކުރާ މީހުން ބުންޏެވެ.
"މެންދުރު ނަމާދަށް ތަންދިނުމުގެ ގޮތުން މިއަދު އަޅުގަނޑުމެން ހުއްޓާލާނީ އެގާރަގަޑި ސާޅީސް ފަހެއްގައި. އެކަށީގެންވާ ހައްލެއް ނުލިބިއްޖެނަމަ އަނެއްކާވެސް އެހެން ދުވަހަކު މުޒާހަރާ ކުރާނީ. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ އަޑު ސަރުކާރަށް އިއްވުން" މުޒާހަރާގެ ބައިވެރިއަކު ބުންޔެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހުޅުމާލާގައި ޓެކްސީ ލިމިޓް 30 ޓެކްސީއަށް ކަނޑައަޅާފައި އޮއްވާ މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި އެމްޓީސީސީ ދެ ޓެކްސީއެއް ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.