28 Jun 2013, 13:12
އދ. މަޖިލިސް (ޖޫން 28): ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ އަމުރަށް ޢިރާޤު ސިފައިން ކުވައިތު ހިފި މައްސަލާގައި އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުންސަލާމަތީ މަޖިލީހުން ޢިރާޤާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ނިމުމަކަށް ގެނައުމުގެ ޤަރާރެއް އެމަޖިލީހުން ފާސްކޮށްފި އެވެ.
މިޤަރާރުގައި ޢިރާޤުން ކުވައިތު ހިފިމައްސަލާގައި އދ. ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ޢިރާޤާ ދެކޮޅަށްއަޅާފައިވާ ފިޔަވަޅުތައް ނިމުނީ ކަމަށް ބުނެފައިވެ އެވެ. އަދި ޢިރާޤާއި ކުވައިތާ ދެމެދު މިހާރު ހުރި މައްސަލަތައް ޙައްލުކުރަން ޖެހޭނީ އދ.ގެ ޗާޓަރުގެ ހަ ވަނަ ޗެޕްޓަރުގެ ދަށުން ކަމަށް ވެސް މިޤަރާރު ބުނެ އެވެ. އދ.ގެ ޗާޓަރުގެ ހަ ވަނަ ޗެޕްޓަރުގައި ބުނަނީ ގައުމުތަކުގެ ދެމެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރަން ޖެހޭނީ ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި ބާރުގެ ބޭނުންކުރުމާނުލައި ދެފަރާތުގެ ދެމެދުގައި ވާހަކަތައް ދައްކައިގެން ސުލްޙަ ވެރިގޮތުގަ އެވެ. ނަމަވެސް އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި ޢަސްކަރީ ބާރުގެ ބޭނުންކޮށްގެން ދޭދޭ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމުގެ ހުއްދަ ލިބިދެ އެވެ.
ޢިރާޤާއި ކުވައިތާ ދެމެދު މިހާރު ހައްލުނުވެ ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ގެއްލިފައިވާ ކުވައިތުގެ ރައްޔިތުންގެ މައްސަލައާއި ޢިރާޤު ސިފައިން ގެންގޮސްފައިވާ ކަމަށްބުނާ ކުވައިތުގެ ރަސްމީ ލިޔެކިޔުންތަކާއި އަރުޝީފާއި މުދަލާއި އަދި މިތަކެއްޗަށް ބަދަލު ދިނުމުގެ މައްސަލަތަކެވެ.
ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ އަމުރަށް 1990 ވަނަ އަހަރު ޢިރާޤު ސިފައިން ކުވައިތު ހިފުމުން ސަލާމަތީ މަޖިލީހުން ވަނީ ޢަސްކަރީ ބާރުގެ ބޭނުންކޮށްގެން ޢިރާޤު ސިފައިން ކުވައިތުން ބޭރުކުރުމުގެ ހުއްދަ ދޭ ޤަރާރުތަކާއި ޢިރާޤުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ޤަރާރުތަކުގެ އިތުރުން ޢިރާޤާއެކު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ވެސް ކުރުން މަނާކުރާ އެތަށް ޤަރާރެއް އެމެރިކާގެ ބާރާއި ނުފޫޒުގައި ފާސްކޮށްފަ އެވެ. މީގެއިތުރުން ޢިރާޤުގެ ރައްޔިތުން ބަނޑަށްޖެހޭފަދަ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޤަރާރުތައްވެސް ޢިރާޤާ ދެކޮޅަށް ފާސްކޮށް ބާރުގެ ބޭނުންކޮށްގެން އެޤަރާރުތައް އެމެރިކާ އިން ތަންފީޒުކޮށްފައިވެ އެވެ.
ޢިރާޤު ސިފައިން ކުވައިތަށް އެރިތާ އަހަރުވެސް ނުވަނީ އެމެރިކާ އިސްވެ އޮވެގެން ޢިރާޤު ސިފައިން ކުވައިތުން ބޭރުކުރި ނަމަވެސް އެމެރިކާގެ ބާރާއި ނުފޫޒުގައި މިޤަރާރުތައް ވަނީ 22 އަހަރުވަންދެން ޢިރާޤާ ދެކޮޅަށް ދަމަހައްޓާފައެވެ. (ނޫސްއެޖެންސީތައް)