28 Jun 2013, 11:39
މެލޭޝިއާގެ ޑޭކެއާ ސެންޓަރެއްގައި ބަހައްޓާފައި ހުއްޓާއި ކުއްލި ގޮތަކަށް މަރުވި ދިވެހި ތުއްތު ކުއްޖާ މަރުވެފައި ވަނީ މެގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ކަމަށް ޕޯސްޓްމޯޓާމްގެ ވަގުތީ ނަތީޖާ އިން ދައްކާފައިވާ ކަމަށް ތުއްތު ކުއްޖާގެ ބައްޕަ ބުނެފި އެވެ.
މީގެ އަށް އަހަރު ކުރިން މެލޭޝިއާގެ އަންހެނަކާ ކައިވެނިކޮށްގެން އެގައުމުގައި ދިރިއުޅެމުން އަންނަ ފުވައްމުލަކު ވަސީމީގެ، މާލިކު މުހައްމަދު މިއަދު ބުނީ އެ ދެމަފިރިންގެ ހަ މަހުގެ ދަރިފުޅު މިދިޔަ ބުދަ ދުވަހު މަރުވީ މޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއްވެފައިނުވާ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ. އެހެން ނަމަވެސް ދަރިފުޅުގެ މޭގައި މައްސަލަ އުޅޭ ކަމަށް ޑޮކްޓަރުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މާލިކް ބުންޏެވެ.
މަރުވި ހަ މަހުގެ މާހިލް މާލިކް މުހައްމަދުގެ ޕޯސްޓްމޯޓާމްގެ ޑީޓެއިލް ނަތީޖާ ލިބޭނީ ހަތަރު މަސް ފަހުން ކަމަށް ވެސް މާލިކު ބުންޏެވެ.
މާލިކުގެ ދެމަފިރިންނަށް ލިބިފައިވާ ދެކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު މަރުވެފައި ވަނީ ޑޭކެއާގައި ހުއްޓާ ކުއްލިއަކަށް ނޭފަތުންނާއި އަގައިން ލޭ އައިސް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.