މޯލްޑިވުސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ކުރިމަގަށް ޓަކައި ގިނަ ގުނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ލަތީފް އިއްޔެ ވިދާޅުވީ އެ ކުންފުނީގެ ކުރިމަގަށް ޓަކައި އެކުންފުއްޏަށް ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ގެއްލިފައިވާ ބަލްކް ކާގޯގެ ވިޔަފާރި އިޔާދަކުރުމަށާއި ތިލަފުށީގައި އެމްޕީއެލްގެ ބޯޓް ޔާޑެއް ގާއިމްކުރުމުގެ މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ކުންފުނީގެ މުސްތަގުބަލަށް ޕްލޭން ކުރާ ކަންތައްތަކުގެ ތެރޭގައި ތޮއްޖެހިފައިވާ މާލޭ ކޮމާޝިއަލް ހާބަރު އެހެން ތަނަކަށް ބަދަލުކުރުމަށް އޭޑީބީގެ ފަރާތުން އެހުށައަޅާ ޕުލޭނާއި އެއްގޮތަށް 300 މީޓަރުގެ ޓާމިނަލެއް ގާއިމްކޮށް ޒަމާނީ ބަނދަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ކޮމާޝާއަލް ހާބަރުގެ މަގަތުފާލަން ތަރައްގީކޮށްގެން ރާއްޖެ އަންނަ ބޮޑެތި ފަސިންޖާ ލައިންތަކަށް ހިދުމަތްދިނުމަށާއި ހުޅުމާލޭގައި ގާއިމްކުރުމަށް ނިންމާފައިވާ ޔޯޓްމެރީނާ ގާއިމްކޮށް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ލަތީފް ވިދާޅުވީ ހިތަދޫ ޕޯޓް ޓާމިނަލް ތަރައްގީ ކުރުމަށާއި ކުޅުދުއްފުށީ ހާބަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިއާދަކުރުވެނިވި ހަކަތަ ބޭނުންކުރުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.