ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުއާއި އިތުރު ބަޔަކު ގެރެންޓީ ދެއްވައިގެން މަހައްދޫ އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓްގެފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަންޖެހޭ ކަމަށް ކުރީގެ މަދަނީ ކޯޓާއި ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ ބޭފުޅުންގެ ވަކީލު ވިދާޅުވީ ފައިސާ ދެއްކުމަށް ކޯޓުން ބޭރުގައި ދެ ފަރާތުން އެއްބަސްވާތީ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ.

އެ ދެ ބޭފުޅުންގެ ވަކީލު އެދިވަޑައިގެންނެވިގޮތަށް ސުޕްރީމް ކޯޓުން މިއަދު އެ މައްސަލަ ބާތިލްކޮށްފައި ވަނީ އެކަމާ މެދު އިއުތިރާޒެއް ނެތްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ވަކީލު ވިދާޅުވެފައިވާތީ އެވެ.

އެ ދެ މައްސަލައިގައި ވެސް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނަޑައަޅައި ހުކުމް ކުރީ ކަމަށެވެ.

މަހައްދޫ މައްސަލައިގައި ކުރީގެ މަދަނީ ކޯޓުން 2009 ވަނަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މައްދޫ އިންވެސްޓުމެންޓުން ނަގާފައިވާ 28091705.88 އެމެރިކާ ޑޮލަރުގެ ޑިމާންޑް ލޯން ބީއެމްއެލްއަށް ދައްކާފައިނުވާ ކަމަށެވެ. އަދި ލެޓާ އޮފް ކްރެޑިޓުގެ ގޮތުގައި ނަގާފައިވާ 34394.21 އެމެރިކާ ޑޮލަރު ވެސް ދައްކާފައި ނުވާތީ އެ ހުރިހާ ފައިސާތައް 15 ދުވަހުގެ ތެރޭގައި ބޭންކަށް ދައްކައި ހަލާސް ކުރުމަށެވެ.

އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ ޑިމާންޑް ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ ރީތި ބީޗް ރިސޯޓާއި މައްދޫގެ އެންމެހާ މިލްކުވެރި ކަމުގެ ހައްގުތަކާއެކު ބީއެމްއެލްއާ ހަވާލުކުރަންޖެހޭނެ ކަމަށް މަދަނީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވެއެވެ.

ކަނބާލިފަރު އިންވެސްޓްމެންޓްގެ މައްސަލައިގައި ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ބީއެމްއެލް އިން ކަނބާލިފަރު އިންވެސްޓްމަންޓަށް ދޫކޮށްފައިވާ 3300000.00 އެމެރިކާ ޑޮލަރުގެ އޯވާ ޑްރާފްޓަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަންޖެހޭނެ ކަމަށާއި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ރަހުނުކޮށްފައިވާ ރީތި ބީޗް ރިސޯޓާއި މަހައްދޫ އާއި އަދި ދައުވާލިބޭ ފަރާތްތަކުގެ އެންމެހާ މިލްކުތައް ބީއެމްއެލްއާ ހަވާލުކުރަންޖެހޭނެ ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އަހްމަދު ތަސްމީން އަލީ މިރޭ ސަން އަށް ވިދާޅުވީ މިއަދު ކޯޓުގައި ހިނގި މުއާމަލާތަކީ މީގެ ހަ މަސް ދުވަސް ކުރިން ނިންމާފައިވާ ނިންމުމެއްގެ ފޯވަލިޓީސް ކަމަށާއި އާ ކަމެއް ނުހިނގާ ކަމަށެވެ. އަދި ވިދާޅުވީ އެތަން ތަނުގެ ރަހުނުގެ ގޮތުގައި ކޯޓަށް ނެގި ތަންތަނަކީ އެ ލޯންގެ އަގު އަދާކޮށް އެތައް ތަނެއް އިތުރުވާ ވަރުގެ އަދަދުތައް ކަމަށެވެ.