28 Jun 2013, 00:19
ގައުމުގެ ތަރިކަތަކާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ބަޔަކަށް ދޭ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް އެފަދަ މަޅިއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖެހިވަޑައިގެން "ދައުލަތަށް ހިޔާނާތް ނުވުމަށް" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިރޭ ގައްދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ގައުމު ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ގަނެލުމުގެ" ވިސްނުމެއް ބަޔަކު ގެންގުޅޭ ކަމަށާއި އެކަމާ ދޭތެރޭ ރައްޔިތުން ވަރަށް ބޮޑަށް ހޭލަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ހުރި މިލްކިއްޔާތާއި ތަރިކަތައް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބަޔަކަށް ދޭން އުޅޭ ވާހަކަ، މާލޭ އެއާޕޯޓް ދޭން އުޅޭ ވާހަކަ އެބަ ދައްކާ މީހުން، މަޖިލީސް މެދުވެރިކޮށް. އެހެންވެގެންތޯ މެންބަރުން މިގެންދަނީ، މި ހަމަކުރަނީ... ކީއްވެހޭ އިހައްދުވަހު ހެއްދެވި ނުހެއްދެވި އަށް އެއްޗެތި ގޮވާފައި އެ ޕާޓީ [އެމްޑީޕީ] އަށް އެ ވަންނަނީ. މީގެ ސަބަބެއް އެބައޮތް ދެއްތޯ،" މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
ގާސިމު ވިދާޅުވީ އެއްވެސް މެންބަރަކު އެފަދަ ގޮތަކަށް އަމަލުކުރައްވައިފި ނަމަ އެކަން ވެގެންދާނީ "ގައުމުގެ މިނިވަންކަން ނަގާލެވި ބައެއްގެ އަޅުވެތިކަމުގެ ތެރެއަށްދާން ކޮށައިދޭ މަގަކަށް" ކަމަށެވެ.
ރިސޯޓެއް 70 މިލިއަން ޑޮލަރަށް ވިއްކާ ލެވޭ ކަމަށާއި މެންބަރަކަށް ތިން މިލިއަން ޑޮލަރު ދީފައި ރައްޔިތުންގެ މަޖިލީސް ގަނެލުމުން ގައުމު ބައެއްގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ އަކީ ހައްގު ބަސް ވިދާޅުވާން ޖެހޭ ވަގުތުތަކުގައި އެ ވާހަކަ ވިދާޅުވާ ބޭފުޅެއް ކަމަށާއި ގައުމުގައި ހިނގާ ކަންކަން ފުލުހުންނާއި ސިފައިންނަށް އަދި ކޯޓުތަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"ބަލަ މިވަރުގެ މުނާފިގުވާކަށް ނުވާނެ އިނގޭތޯ، މިވަރުގެ ގައްދާރުވާކަށް ނުވާނެ އިނގޭތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ކަމަކު،" ގާސިމު ވިދާޅުވި އެވެ.
ގާސިމް އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ 2008 ވަނަ އަހަރު އެއްވެސް އެއްޗެއް ނެތް ޕާޓީއަކުން މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގައި ބޮޑެތި ސިންގާހާ ޖަގަޖަތައް ހުޅުވައި ބޮޑެތި ދިދަތައް ނަގައި އެ ކެމްޕޭން ކުރަން ލާރި ހޯދަނީ ކޮންތާކުންތޯ މިއަދު ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށެވެ.
މިރޭ މަހިބަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ އެޕާޓީގައި އޮޑިޖެހި ނޫޓު ހުރި ކަމަށާއި އެ ޕާޓީއާ އެއްވަރަށް އެހެން ޕާޓީއަކަށް ކެމްޕޭނެއް ވެސް ދަތުރެއް ވެސް ނުކުރެވޭނެ ކަމަށާއި އެހެން ޕާޓީތަކުން ޖެހޭނީ ފައިސާގެ ގޮތުން އެޕާޓީގެ ކުރިމަތީގައި "ބޮޑު ލާރީގައި ހުނިޖަހަން" ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި ނޫޓް އެބަހުރި. އަޅުގަނޑުމެން ރީނދޫކުރާ ވަރަކަށް ރާއްޖެއެއް ރީނދުލެއް ވެސް ނުކުރެވޭނެ. އަޅުގަނޑުމެން ދަތުރުކުރާ ވަރަކަށް އެހެން ޕާޓީއަކަށް ދަތުރެއް ވެސް ނުކުރެވޭނެ. އަޅުގަނޑުމެން ސިޔާސީ ހަރަކާތް ހިންގާ މިންވަރާ ގާތަށް ވެސް އެހެން ޕާޓީއަކަށް މިހަރަކާތެއް އިދާރަކުރެއްވިއްޔާ ނުހިންގޭނެ. އެހެން ހުރިހާ ބޭފުޅުން ވެސް ޖެހޭނީ ބޮޑު ލާރީގައި ހުނިޖަހަން، އަޅުގަނޑުމެންނާ އަޅުވާފައި. އަޅުގަނޑުމެންނާ އަޅުވާފައި ވަކި ފަރުދަކަށް ވިޔަސް ސިޔާސީ ޕާޓިއަކަށް ވިޔަސް ޖެހޭނީ ބޮޑު ލާރީގައި ހުނިޖަހަން."