27 Jun 2013, 23:39
އެމްޑީޕީގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހަރުމުދަލުގެ ގޮތުގައި މާލެ ސަރަހައްދު، ހުޅުމާލެއާއި ގުޅީފަޅު ނުވަތަ ތިލަފުށިން ބިމެއް ދޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ކައުންސިލަކަށް ވެސް މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާގެ އާމްދަނީ ހޯދޭނެ ވަރަށް އެމްޑީޕީ ސަރުކާރެއްގައި ހަރުމުދާ ހޯދަދޭނެ ކަމަށެވެ.
"މީގެ ކޮންމެ ކައުންސިލަކަށް، [ހަރުމުދަލުގެ ގޮތުގައި] މާލެ، ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ނުވަތަ ތިލަފުށިން ބިން ރައްދު ކޮށްދޭނަން. އަމާޒަކީ، ބޭނުމަކީ ތިބޭފުޅުންގެ ހަރުމުދަލުގެ މިންވަރު އިތުރުކުރުން. ހަރުމުދާ ނުވަތަ އެސެޓް ވެލިއު އިތުރުކުރެވުނީމަ ކައުންސިލަތަކަށް އަމިއްލައަށް ކުރެވޭނެ އެތައް ކަމެއް އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރެއްގައި މަހިބަދޫއަށް ކޮށްދެއްވާނެ ކަންތައްތައް ބަޔާން ކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަހިބަދޫއަށް ފަޅުރަށެއް މިލްކު ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ ހުރިހާ ޒުވާނުނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.
އަރިއަތޮޅަކީ އެންމެ ގިނަ ޓުއަރިސްޓް އެނދު ހުރި ސަރައްދު ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މަހިބަދޫގައި ގެސްޓް ހައުސްގެ ވިޔަފާރިފުޅާކޮށް އެ އަތޮޅުގެ ރަށްތަކަށް ގެސްޓުންނަށް ފަސޭހަކަ ކަމާއެކު އެރޭނެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އެގޮތުން ޓުއަރިސްޓުން ވެސް ރަށު ބަންދުން ފިލުވަދޭނެ ކަމަށާއި ދަތުރުފަތުރުގެ ނިޒާމް ދެ ގުނަކޮށް މަހިބަދޫގައި ފެރީ ޓާމިނަލެއް ގާއިމު ކޮށްދޭނެ ކަމަށް ވެސް ވަނީ ވައުދު ވެވަޑައިގެންފަ އެވެ.
"ގެސްޓް މީހާ ކައިރި އަހާލީމަ އެނގޭނީ ރިސޯޓެއްގައި ތަޅުލެވިފައި އިނީމަ އޭނާއަށް ވަނީ ކިހިނެތް ތޯ. އޭނާ ވަކި ބޭނުން ނުވަނީތޯ މަހިބަދޫގައި މީހުން ދިރިއުޅޭ ގޮތް ބަލާލަން. ހަމަ އެކަނި އެނާ އައިސް އެ އިނީ ގޮނޑުދޮށުގައި އިނދެ މާޔޫސްވާން ނޫންކަން އަޅުގަނޑުމެން އެއިން މީހަކާއި ވާހަކަދައްކާލީމަ އެބަ ސާފުވޭ. އިރާދަކުރެއްވިއްޔާ އެމީހުން ވެސް ރަށު ބަންދުން އަޅުގަނޑުމެން ފިލުވަދޭނަން،" ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން 2015 ވަނަ އަހަރު ނިމުމުގެ ކުރިން މަހިބަދޫ ފަޅުބޮޑުކޮށް ކޮންމެ ޒުވާނަކަށް ގޯއްޗެއް ހޯދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
"2015 އަހަރެއް ނުނިމޭނެ މި ރަށުގެ ބިން ބޮޑުނުކޮށެއް. ތި ބޭފުޅުނަށް އަޅުގަނޑުމެން ވައުދުވަން، ޔަގީންކަން އަރުވަން ތިއިން ކޮންމެ ޒުވާނަކަށް ގޯއްޗެއް ކަނޑާފަ ދޭނަން. އަރިއަތޮޅުގައި އަލިހުރަސް ކަނޑުގައި ވެލި އެބަ އޮތް. ބޮސްކާލިސް ކުންފުނީގައި އެބަ އޮތް ބޯއްޓެއް. ނުވަ ޑޮލަރަށް އަކަމީޓަރެއް ހިއްކޭ. އަޅުގަނޑުމެނަށް ޔަގީން އެއީ ފަސޭހަކަމާއެކީގައި ހަފްތާއެއްގެ ތެރޭގައި ކުރެވެން އޮތް ކަމެއް. އަޅުގަނޑުމެން ތި ބޭފުޅުނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" ނަޝީދު ވިދާޅުވި އެވެ.