ގަތަރުގެ ގައުމީ އަންހެ ޓީމާއެކު ރާއްޖޭގެ ގައުމީ އަންހެން ޓީމް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެވަނަ މެޗުން 3-0 ރާއްޖެ މޮޅުވެއްޖެ އެވެ.

ރާއްޖޭގެ ޓީމަށް މިރޭ ގަތަރުގެ ގޯލް ހުޅުވާލަ ދިނީ މެޗުގައި ދެލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 29 ވަނަ މިނިޓުގައި ފަދުވާ ޒާހިރު އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ރާއްޖޭގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ފަދުވާއެވެ. އެއީ ގަތަރުގެ ޕެނަލްޓީއޭރިޔާގެ ބޭރުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެ ލަނޑުގެ ލީޑަކާއެކު ދެވަނަ ހާފްގެ ކުޅުންފެށި ރާއްޖޭގެ ޓީމަށް މިރޭގެ މެޗުގައިވެސް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފައި ވެއެވެ. ރާއްޖޭގެ ތިންވަނަ ލަނޑު މެޗުގެ 53 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން، މަރިޔަމް މިރުފަތު އެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ރާއްޖެއައި ގަތަރުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް މިދިޔަ އަންގާރަ ދުވަހު ރާއްޖެ އަތުން ބަލިވީ 1-0 ން ނެވެ. އެމެޗުގައިވެސް ރާއްޖެ ކާމިޔާބު ކުރި ލަނޑު، ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޓީމަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ފަދުވާ ޒާހިރު އެވެ.

މިދެ ޓީމް ގަތަރުގެ ވެރިރަށް ދޯހާގައި މިދިޔަ އަހަރު ކުޅުނު ބައިނަލްއަގްވާމީ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގައި ގަތަރު އަތުން ރާއްޖެ ބަލިވީ 4-1 ލަނޑުންނެވެ.

ގަތަރުގެ ޖަރުމަން ކޯޗު، މޮނިކާ ސްޓާބް ބުނީ، މިރޭގެ މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުން ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކަމަށާއި އަދި ޖުމްލަގޮތެއްގައި މެޗާ ދޭތެރޭގައި ހިތް ހަމަ ޖެހޭ ކަމަށެވެ.

އަދި ފުރަތަމަ ހާފުގައި ދެލަނޑުން ބަލިވެފައި އޮތުންމުން އޭނާގެ ކުޅުންތެރިންނަށް މެޗުގެ ތެރެއަށް ވަދެގަތުމަށް އުނދަގޫވީ ކަމަށާއި އަދި މި ކުޅެވުނު ދެ މެޗުންވެސް އޭނާގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖްރިބާ ތަކެއް ލިބިއްޖެ ކަމަށް މޮނިކާ ބުންޏެވެ.

"ރާއްޖޭ ޓީމްގެ ކީ ޕްލޭޔަރަކީ، 7 ނަންބަރު [ފަދުވާ]. އޭނާ ހުރިހާ ކުޅުންތެރިންނާވެސް ތަފާތު، ހުރިހާ ހިލޭ ޖެހުމެއްވެސް އަދި ކޯނަރެއްވިޔަސް އޭނާ މި ނަގަނީ، ދެ ޓީމްގެ ތަފާތަކީ އެއީ،" ފަދުވާއާ ބެހޭ ގޮތުން ގަތަރު ކޯޗު ބުންޏެވެ.

ރާއްޖޭ ޓީމްގެ ކޯޗް، އަހްމަދު އާތިފް (އާތީ) ބުނީ، މެޗާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި އަދި، މިރޭގެ މެޗަށްވެސް ރާއްޖޭގެ ޓީމް ނުކުތީ، ތަފާތު ބޮޑު ނަތީޖާއެއް ނެރުމުގެ ބަދަލުގައި މެޗުން މޮޅުވާން ކަމަށެވެ.

އާތީ ފާހަގަ ކުރި ގޮތުގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ޓްރެއިނިން އަކާއި، މެޗުތައް ކުޅޭނޭ މިފަދަ ފުރުސަތުތައް ލިބޭ ނަމަ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ވަރަށް ބޮޑަށް ވަރުގަދަ ވާނެ އެވެ.