އިލެކްޝަންސް ކޮމިޝަނުން ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް އެންގުމުން ވެސް ގިނަ ކަންތައްތަކެއް އިސްލާހުކޮށްފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް މިއަދު ނެރުއްވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މެމްބަރުން ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކުގައި އިތުރަށް ހޭދަކޮށްފައިވާ ދުވަސްތަކަށް އެކޮމިޝަނުން ފައިސާ ހަރަދުކޮށްފައިވާއިރު އެ ފައިސާ ހޯދުމަށް އަންގާފައި ވީނަމަވެސް އެ ފައިސާ އެ ކޮމިޝަނުން ހޯދާފައިނުވާ ކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ 2011 ވަނަ އަހަރު ވޯޓް ކަރުދާސް ޗާޕު ކުރިއިރި ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަނާޅައި ވޯޓު ކަރުދާސް ޗާޕުކޮށްފައިވުމުން، އެކަން އިސްލާހުކޮށް އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރު ފައިސާ އާއި ބެހޭ ބައެއް ލިޔެކިޔުންތައް އެ ކޮމިޝަނުން ފެންނަން ނެތުމުން އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އަންގާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް އޮޑިޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މުއައްޒަފުންގެ އަތުން 2011 ވަނަ އަހަރު ގަޑީލާރީގެ ގޮތުގައި ގަވާއިދާ ހިލާފަށް 2145ރ. ކަނޑާފައިވާއިރު، އެ ފައިސާ އަނބުރާ މުވައްޒަފުންނަށް ރައްދު ނުކުރާ ކަމަށެވެ. އަދި އެކޮމިޝަނުގެ މުއައްޒަފުނަށް 2011 ވަނަ އަހަރު މުސާރަ ދޫކުރިއިރު، ބައެއް މުވައްޒަފުންނަށް މުސާރައިގެ އިތުރުން 12،999ރ. ދޫކުރި ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން ބައެއް މުވައްޒަފުންނަށް މަދުން ފައިސާ ދިން ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ ހޯދުމަށާއި މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި ފައިސާ މުއައްޒަފުނަށް އަނބުރާ ދިނުމަށް އެންގުމުން ވެސް އިލެކްޝަނުން އެ އެންގުމަށް އަމަލުކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ ކޮމިޝަނުން އިސްލާހްކުރުމަށް އޮޑިޓާ ޖެނެރަލް ލަފާއަރުވާފައިވާ ކަންތައްތަކުގެ ތެރެއިން އެކޮމިޝަނުގެ މެމްބަރުންނާއި އިސްމުވައްޒަފުންގެ ބޭނުމަށް ހޯދި ފޯނުތަކުގެ ތެރެއިން ބައެއް ފޯނު ހޯދާފައިނުވާކަން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މުވައްޒަފުނަށް ދީފައިވާ 13 ފޯނާއި މިލްކުކޮށްފައިވާ ކަމަށް ބުނާ ދެ ފޯނުގެ ތެރެއިން ފަސް ފޯނެއް އަނބުރާ ހަވާލުކޮށްފައިވާއިރު އެއް ފޯނެއްގެ ލިބިފައިވާ ކަމަށާއި ނަމަވެސް އިތުރު ފޯނުތައް ލިބިފައިނުވާއިރު އޮޑިޓާ ޖެނެރަލް ލަފާދީފައިވާ ގޮތަށް އަމަލުކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ އެކޮމިޝަނުގެ ބޭނުމަށް 2010 ވަނަ އަހަރު ހޯދާފައިވާ ލެޕްޓޮމްތަކުގެ ތެރެއިން ގެއްލިފައިވާ ލެޕްޓޮޕްތަކުގެ ތެރެއިން ހަ ލެޕްޓޮޕެއް ބަދަލު ހޯދުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ހުށައަޅަން ޖެހޭ އޮޑިޓް ރިޕޯޓްތައް ހުށަނާޅައިގެން އެ ޕާޓީތަކުގެ ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 20،000ރ. އިލެކްޝަނުން ހޯދާފައި ނުވާ ކަމަށް ވެސް އޮޑިޓް ޖެނަރަލް އަހުމަދު ނިޔާޒު މިއަދު ނެރުއްވި ރިޕޯޓުގައިވެ އެވެ.

އޮޑިޓުގައިވާ ގޮތުން ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓުތައް 2011 ވަނަ އަހަރު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ އޮޑިޓްތައް ހުށަނޭޅުމުން ޖޫރިމަނާ ހޯދުމަށް ސިޓީއެއް ފޮނުވުމުގެ އިތުރުން މާލިއްޔަތު ގަވާއިދުގައި ބުނާ އިތުރު މަސައްކަތެއް އެ ކޮމިޝަނުންކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.