މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ ޓާމިނަލް މިއަދު ހުޅުވައިފި އެވެ.

އެޓާމިނަލްގައި މިއަދު ހަވީރު ބޭއްވި ހާއްސަ ހަފްލާއެއްގައި އެޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ޓާމިނަލް ހުޅުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ހުޅުމާލޭގައި ހުޅުއްވިގެންދިޔަ އެ ޓާމިނަލްއަކީ އެ ރަށަށް ވަރަށް ބޮޑު ތަރައްގީއެއް ގެނެސްދޭނެ ޓާމިނަލެއް ކަމަށެވެ. އަދި ހުޅުމާލެއަކީ ވައިގެ ބަނދަރާއި ގުޅިފައިވާ ރަށަކަށްވުމުން އެއީ އެމްޕީއެލްގެ ބަނދަރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ހުޅުމާލެއަކީ އައްޑޫ އާއި އެއްވަރު އާބާދީއެއް އުޅެމުންދާ ރަށަކަށްވުމާއެކު ހުޅުމާލޭގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ވަހީދު ވަނީ އެމްޕީއެލްގެ މުއައްޒިފުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.

މިއަދުގެ އެ ހަފްލާގައި ހުޅުމާލޭ ޓާމިނަލް އައިއެސްޕީއެސް ކޯޑަށް ހިންގުމުގެ ހުއްދަ ހަވާލު ކުރި އެވެ. ޓުރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން އެ ހުއްދަ އެމްޕީއެލް އާއި ހަވާލުކޮށްދެއްވީ އެ އޮތޯރިޓީގެ ޗެއާމަން އަބްދު ރަޝީދު ނާފިޒު އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ލަތީފް ވިދާޅުވީ އެމްޕީއެލްގެ މާލޭ ބަނދަރުތަކުން ދެމުންދާ ހިދުމަތްތައް ހަމައެއަގުގައި ހުޅުމާލޭ ބަނދަރުން ލިބިގެންދާނެ ކަމަށެވެ. އަދި އެ ބަނދަރުގެ ސަބަބުން ހުޅުމާލެ އަށް މުދާ ގެންނަ ފަރާތްތަކަށް ހެޔޮ އަގެއްގައި އެކަންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި އެ ބަނދަރުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލަށް ހަތް މީޓަރު ޑުރާފްޓް ހުންނަ ބޯޓު ފަހަރު ކައިރިކޮށް މުދާ ބޭލޭނެ ގޮތާއި ބާޗާއި ލޭންޑް ކުރާފްޓްގެ އެހީގައި ސީދާ ހުޅުމާލޭ ޓާމިނަލް މުދާ ބޭލޭނެ ގޮޮަތް ހަމަޖެއްސުމާއި ހުޅުމާލޭގެ ލޯކަލް ހާބާ ހިދުމަތްތައް ފަށާ ހުޅުމާލޭގެ ވަރަށް ގިނަގުނަ ރައްޔިތުންތަކަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވަސީލަތްތަކެއް ހުޅުވުމަށް ވަނީ ނިންމާފަ،" ލަތީފް ވިދާޅުވި އެވެ.

މިއަދުގެ އެ ހަފްލާގައި ސަގާފީ އެކިއެކި ހަރަކާތްތައް ދައްކާލުމުގެ އިތުރުން އަންހެން ކުދިންގެ ނެށުމުގެ ހަރަކާތްތަކެއް ވެސް ވަނީ ދައްކާލާފަ އެވެ.