ބްލޫ ލެގޫން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް އާއި އިތުރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ހަސަން އަފީފްގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މ.މަތިދޫ މޫސާ ހަސަންގެ މައްޗަށް ކަމަށެވެ.

ފުލުހުން ބުނީ އެ ދެ ބޭފުޅުންނަކީ ބްލޫ ލެގޫން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ދެ ހިއްސާދާރުންކަމަށެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ބްލޫ ލެގޫންގެ ފަރާތުން ހިންގާ ރިސޯޓެއްކަމަށްވާ މަޑޫގަލި ރިސޯޓް އެންޑް ސްޕާގެ މުވައްޒަފުންނަށް ދޭންޖެހޭ ސާވިސް ޗާޖުގެ ބައެއް މަކަރާއި ހީލަތް ހަދައިގެން އުނިކޮށް އެކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފަށް ކުންފުނިން އަމިއްލަ ގޮތުން ހަދާފައިވާ ޕޮލިސީއެއްގެ ދަށުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ރިސޯޓުގައި ސާވިސްޗާޖް ނެގުމަށް ހަމަޖެހިފައިވާ ދާއިރާއަކުން 10 ޕަސެންޓްގެ ސާވިސްޗާޖްއެއް ނެގުމަށްފަހު ލިޔެކިއުންތަކުގައި ސާވިސް ޗާޖް ނުނަގާކަމަށް ހަދައި، މުވައްޒަފުންނަށް އޮޅުވާލައި، ސާވިސް ޗާޖްގެ ގޮތުގައި ނެގި ފައިސާ އަށް ޚިޔާނާތްތެރިވެފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.

ސާވިސް ޗާޖް ނެގުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަކުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ނެގުނު ފައިސާގެ 29 ޕަސެންޓަށް ކުންފުނި ހިންގަން ތިބި ހިއްސާދާރުން ޚިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ކުންފުނީގެ ތިން ހިއްސާދާރުންގެ ތެރެއިން އެއް ހިއްސާދާރަށް އެގުމެއް ނެތި، ބޭންކެއްގައި މަޑޫގަލި ރިސޯޓު މޯގޭޖްކޮށް، އެރިސޯޓް މަރާމާތުކުރުމުގެ ނަމުގައި ލޯނު ނެގުމަށްފަހު، ޓޫރިޒަމް މިނިސްޓްރީން ރިސޯޓް މޯގޭޖް ކުރުމަށް ހުއްދަ ދީފައިވާ ޓާމްސްތަކާއި ޚިލާފަށް ހަސަން އަފީފްއާއި މޫސާ ހަސަން ހިއްސާވާ އެހެން ކުންފުންޏެއްގެ ދަށުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެއްކަމަށްވާ ނ. ރާފުށި ނަމަކަށްކިޔާ ރަށެއްގެ ކުލި ދެއްކުމަށް އެފައިސާ ބޭނުން ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެލޯނުގެ ރިޕޭމަންޓް ދައްކަމުންގެންދަނީ ބްލޫ ލެގޫން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.