ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާ ޑީއާރުޕީގެ އާންމު މެންބަރުންގެ ޕްރައިމަރީޒް މި މަހު ފަހަކާއި ތޭރަ އާ ދޭތެރޭގައި ބޭއްވުމަށް އެ ޕާޓީން ހަމަޖައްސައި އިއުލާންކޮށްފި އެވެ.  


މިއަދު ހަވީރު ޑީއާރުޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޑީއާރުޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަށް 1500 (ފަނަރަސްތޭކަ) އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށެވެ. ކެންޑިޑޭޓުން ހޮވުމަށް 12 އަތޮޅެއްގެ 90 ރަށެއްގައި ޕްރައިމަރީ ބާއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ކޮންމެ ރަށެއްގައި ވެސް ޕްރައިމަރީ ބާއްވާނީ އެ ރަށެއްގައިކަމަށް ރޮޒައިނާ ވިދާޅުވި އެވެ.


"ޕްރައިމަރީ ބާއްވަން ޖެހޭ ރަށްރަށުގައި ޕްރައިމަރީ ބާއްވާނީ އެ ރަށެއްގައި. ހުރިހާ ރަށެއްގައި ޕްރައިމަރީ ބާއްވާކަށް ނުޖެހޭނެ ބައެއް ރަށްރަށުގައި ބޭނުންވާ އަދަދަށް ކުރިމަތިލައްވާފައި ހުރީ އެއީ [އެ ރަށެއްގެ] ޑީއާރުޕީގެ ގޮފިން ނިންމައިގެން. މިސާލަކަށް ފަސް މެންބަރުން ބޭނުންވާ ތަންތާންގައި ފަސް މެންބަރުން ކުރިމަތި ލައްވާފައި ހުރިއްޔާ އަޅުގަނޑުމެންނަކަށް ނުޖެހޭނެ ދެއްތޯ ޕްރައިމަރީއެއް ބާއްވާކަށް. ބޭނުންވާ އަދަދަށް ވުރެ ގިނައިން ހުރި ތަންތަނުގައި ޕްރައިމަރީސް އޮންނާނީ. ހުރިހާ ރަށެއްގައި ޕްރައިމަރީ ބާއްވާކަށް ނުޖެހޭނެ."


ކޮންމެ ރަށެއްގެ ވެސް ޕްރައިމަރީ ބަލަހައްޓާނީ އެ ރަށަކުން ހޮވާލެވޭ ޑީއާރުޕީގެ ތިން މެންރުން ހިމެނޭ ކޮމެޓީއަކުން ކަމަށާއި ޕްރައިމަރީގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެ ފަދަ ކޮމެޓީއެއްގައި ބައިވެރި ނުވެވޭނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ ފަންސަވީހުން އަންނަ ޑިސެމްބަރު އަށަކާއި ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވެ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.