27 Jun 2013, 19:35
މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވުމުގައި "އިސްކޮށް ހަރަކާތްތެރިވި" ހ. ހިލްޓަން އަޒްލިފް ރައުފް އާއި އިތުރު ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އަޒުލިފްގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ ސ. މީދޫ ނިރާކު މުހައްމަދު ހާމިދު އާއި ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެކިދުވަސްމަތިން ދެ މީހަކަށް ބިރުދައްކައި ބަޔަކަށް ދޭންޖެހޭނެ ކަމަށް ބުނާ ފައިސާތަކެއް އަތުލަން އުޅެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ފައިސާ ދައްކަންދެން ސައިކަލެއް ފޭރިގަތުމަށް ފަހު އެ ދެ މީހުންގެ ގަޔަށް އަތްލައި، މަޖުބޫރުން އެ ދެ މީހުން ތަންތަނަށް ގެންގޮސް ބިރުދައްކައި އެ ދެ މީހުންނަށް ނިސްބަތްވާ ތަކެއްޗާއި ތަންތަނަށް ގެއްލުންދޭނެ ކަމަށް ކަމުގެ އިންޒާރުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ކަމަށެވެ.
ޝަރީއަތް ނިމެންދެން އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިކަމެއް އަދި އެނގިފައެއް ނުވެއެވެ.