27 Jun 2013, 17:45
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ތާރީހުން ފެށިގެން އެމްބީސީގެ އާންމު އެއްވެސް ހަރަކާތެއްގައި ސިޔާސީ މީހަކަށް ބައިވެރިނުވޭނެ ކަމަށާއި އަދި ސިޔާސީ އެއްވެސް މީހެއް އާންމު ޕްރޮގުރާމެއްގައި ޓީވީއެމް އިން ނުދައްކާނެ ކަމަށް ޕަބްލިކް ބްރޯޑްކާސްޓާ، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ)ގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ބެހޭ މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުން އެމްބީސީން ކުރިއަށްގެންދާ އެއްވެސް ޕްރޮގުރާމެއްގައި ސިޔާސީ މީހަކަށް ބައިވެރިނުވެވޭނެ ކަމަށާއި އަދި އެއިން ޕްރޮގުރާމެއްގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ވެސް ސިޔާސީ މީހަކަށް ބައިވެރިނުވެވޭނެ ކަމަށެވެ.
"މި ކަމަށް [ސިޔާސީ ކަންކަމަށް] ކަނޑައެޅިފައިވާ ޕްރޮގުރާމްތަކުގައި ފިޔަވައި އެމްބީސީގެ އެއްވެސް ހަރަކާތެއްގައި ސިޔާސީ ބޭފުޅަކަށް ބައިވެރިވަޑައިއެއް ނުގެންނެވޭނެ. މި ދެންނެވީ އެމްބީސީން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިވެވަޑައިއެއް ނުގެންނެވޭނެ. މި ސާލަކަށް އަޅުގަނޑުމެން ބާއްވާ ޕްރޮގުރާމެއްގެ ޗީފްގެސްޓަކަށް ނުވަތަ އެއިން ޕްރޮގުރާމެއްގެ ވަޑައިގެން އިންނެވުން،" މަނިކު ވިދާޅުވި އެވެ.
އެ ގޮތުންވެސް އަދި އެހެނިހެން ގޮތަކުން ވެސް ބައިވެރިނުވެވޭނެ ކަމަށާއި އަދި ސިޔާސީ މީހެއްގެ ލަވައެއް ވެސް ޓީވީން އެ މުއްދަތުން ފެށިގެން ނުދައްކާނެ ކަމަށެވެ.
"މުނިފޫހި ފިލުވުމުގެ ޕޮރުގާމްތަކުގައި ވެސް އާންމުކޮށް ސިޔާސީ ކަންކަން ކަމުން ފެންނަ ލަވަކިއުންތެރިންނާއި ފިލްމްސްޓާރުންންގެ އެއްޗެހިތައް ވެސްއަޅުގަނޑުމެންގެ މި ތިން ޗެނަލުން [ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑާއި ދި އެފް] އިން ގެނެސްދިނުން ރިޔާސީ ކެންޑިޑޭޓުންގެ ނަންފުޅުތައް އިއުލާންކުރެވޭ ތާރީހުން ފެށިގެން ހުއްޓާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކެންޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ތަރީހު ކަމަށްވާ އޯގަސްޓް 7 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ކެންޑިޑޭޓަކަށް ވެސް ކޮންމެ ހަފްތާއަކު ހިލޭ ދެ ފުރުސަތު ޓީވީއެމް އިންނާއި ދިވެހި ރާއްޖޭގެ އަޑުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެންމެ އެ މުއްދަތުގައި ކެންޑިޑޭޓުންގެ ރަނިމޭޓަށް ވެސް ފުރުސަތު ހިލޭ ލިބިގެންދާނެ ކަމަށެވެ.
އިންތިހާބު އައުމުގެ އެންމެ ފަހު ދެ ދުވަހު ކޮންމެ ކެންޑިޑޭޓަކަށް އެމްބީސީން 15 މިނެޓްގެ ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ކެންޑިޑޭޓުންގެ ނަންނަތައް އިއުލާންކުރާ ތާރީހުން ފެށިގެން 82 މިނެޓްގެ ކޮންމެ ކެންޑިޑޭޓަކަށް ވަގުތު ގަނެގެން ބޭނުންކުރެވޭނެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރާ ތާރީހުން ފެށިގެން ފުރުސަތު ލިބޭނީ ރިޔާސީ ކެންޑިޑޭޓުންގެ ނެރޭ ސިޔާސީ ޕާޓީތަކަށް ކަމަށެވެ.
އެމްބީސީން ބާއްވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބައްވަން ހަމަޖައްސާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.