27 Jun 2013, 17:17
އުސްފަސްގަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އުސްފަސްގަނޑު ސަރަހައްދުގައި ފަތާ ފެންގަނޑެއް ހެދުމަށާއި އަދި އެކަމަށް ބޭނުންވާ އެހެނިހެން ތަންތަން ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ކުރިމަރިލާފައިވާ ފަރާތްތަކާ އެކު މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
"ވީމާ، މިތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފަށާނެކަމުގައި އާންމުކޮށް އަންގަމެވެ،" އެ އިއުލާންގައި ބުނެފައިވެ އެވެ.
އެ އިއުލާންގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދަކީ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ފުށުއަރާ ގާނޫނެއް ކަމަށް އެ ކައުންސިލަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.
އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އުސްފަސްގަނޑު ސަރަހައްދު ހުސްކުރުމަށް ޓަކައި އާންމު މައުލޫމާތުން އަންގައި އެތަން ހުސްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންގެންދާ ކަމަށާއި އެއީ ގާނޫނާ ޚިލާފަށް ކުރާ ކަމަކަށް ނޫނީ ނުވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި މިއަދުގެ ކުރިން އެތަން ހުސްނުކޮށްފި ނަމަ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނައުމަށް ކުރަން ޖެހޭ މަސައްކަތް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރާނެ ކަމަށެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ސަޕޯޓަރުން މިއަދު އެތަން ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލާ އުސްފަސްގަނޑު ހަވާލުކުރި އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑަކީ އާންމުންނަށް ވަދެވޭ ގޮތަށް އާންމު ބޭނުމަށް ހުސްކޮށް ބޭއްވުމަށް ކަނޑައަޅާފައިވާ ބިމަކަށް ވާތީ އެތަން ތަރައްގީ ކުރަންވާނީ އާންމުންނަށް ވަދެވޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑުގައި ޖުމްލަ 800 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތް ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ އިރު އެފަދަ އިމާރާތެއް ތިން މީޓަރަށް ވުރެ އުސްވެގެން ނުވަނެ ކަމަށް ބުނެފައިވެ އެވެ. އަދި އުސްފަސްގަނޑުގައި އިމާރާތެއް ކުރިކަމަށް ވިޔަސް އެ އިމާރާތް ބޭނުން ކުރަންވާނީ ފާޚާނާ، ޗޭންޖިން ރޫމް، ފެންވަރާތަން، ލުއިކާނާ ވިއްކާ ތަނެއް ނުވަތަ ބޯފެން ވިއްކާ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައިވެ އެވެ.