ގައުޗަރު (ޖޫން 24): އިންޑިޔާގެ އުތުރަށް ކުރަމުންދާ މޫސުމީ ވިއްސާރައިގާ ގެއްލިފައިވާ މީހުން ހޯދުމުގައާއި ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީއެހީ ފޯރުކޮށްދިނުމުގައި ޙަކަރާކްތެރިވަމުންދަނިކޮށް ގެއްލިފައިވާ ހެލިކޮޕްޓަރެއް ވެއްޓިފައި ވަނިކޮށް ފެނިއްޖެވެ.

މިހެލިކޮޕްޓަރު ވެއްޓިފައިވާ ކަމަށް ބެލެވޭތީ ހެލިކޮޕްޓަރު ހޯދުމަށް މަސައްކަތްކުރި އިންޑިޔާ ސިފައިން ޚާއްސަ ގްރޫޕަކާ ޙަވާލާދީ އެގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނީ އެހެލިކޮޕްޓަރުގެ ބައިތަކާއި އެއިން ދަތުރުކުރި20 މީހެއްގެ މަރުވެފައިވާ ހަށިތައް ފެނިއްޖެ ކަމަށާ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ހިމާލިޔާ ސަރަހައްދުގެ ސްޓޭޓެއް ކަމަށްވާ އުއްތުރަ ޚާންގެ ފަރުބަދަތަކުގެ ތެރޭގައިވާ ފުންވާދީ އަކަށް ކަމުގަ އެވެ. އެހެލިކޮޕްޓަރު ވެއްޓުނީ ޙާލުގައިޖެހިފައިވާ ބަޔަކު ގޮވައިގެން އެނބުރި އައުމުގެ މަގުމަތީގައި އޭގެ ފިޔަގަނޑު ފަރުބަދައެއްގައި ޖެހިގެންކަމަށް ބެލެވޭ ކަމަށާ މިޙާދިސާގައި މަރުވެފައިވާ ގިނަމީހުންނަކީ ފެންބޮޑުވުމުގެ ސަބަބުން ޙާލުގައިޖެހި އެކަހެރިވެފައިތިއްބައި ސަލާމަތް ކޮށްގެން ހެލިކޮޕްޓަރަށް އަރުވާފައިވާ މީހުން ކަމަށްވެސް އިންޑިޔާ ސިފައިންގެ މިޚާއްސަ ގްރޫޕުން ބުނެއެވެ.

މި 20 މީހުންގެ ތެރޭގައި އެހެލިކޮޕްޓަރުގެ ފަޅުވެރިންގެ ގޮތުގައިތިބި އިންޑިޔާގެ ވައިގެ ސިފައިންގެ 5މީހުން ހިމެނޭކަމަށް އިންޑިޔާގެ ސިފައިންގެ އެއަރޗީފް މާޝަލް އެން.އޭ.ކޭ ބްރާވްން ވިދާޅުވިއެވެ. އިންޑިޔާގެ އުތުރަށް ކުރަމުންދާ މޫސުމީ ވިއްސާރައިގާ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އުއްތުރާ ޚާން ސްޓޭޓް އަށެވެ. އެސްޓޭޓަށް މި ޖޫންމަހުގެ ކުރީކޮޅުން ފެށިގެން ކުރަމުން ގެންދާ ވިއްސާރަ އަދިވެސް ނިމުމަކަށް އައިސްފައިނުވާއިރު މިވިއްސާރާގައިއުއްތުރާ ޚާން އިން މަރުވެފައިވާމީހުންގެ ޢަދަދުވެސް ހާހަކަށްވުރެ މައްޗަށް ގޮސް ޙާލުގައި ޖެހިފައިވާމީހުންނާއި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ފަސްލައްކައަށްވުރެ މަތިކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިޔާގެ އުތުރުގެ ސްޓޭޓްތަކަށް ކުރަމުން ގެންދާ ވިއްސާރާގައި ގެއްލިފައިވާ އެތަށް ހާސްމީހުންގެ ތެރެއިން ގިނަބަޔަކު މަރުވެފައިވާ ކަމަށްވަނީ ބެލެވިފަ އެވެ. އަދި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުން ފަރުބަދަތަކުގައާއި ގަސްގަހަށް އަރައި ރައްކާތެރިކަން ހޯދައިގެން އެތަންތަނުގައި ތާށިވެ އެކަހެރިވެފައިވާ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދުވެސްބައިލައްކައަށް އަރާކަމަށް އިންޑިޔާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.

އިންޑިޔާގެ މޫސުމާބެހޭ އިދާރާ ބުނާ ގޮތުން މިއަހަރު ކުރަމުން މިދާ މޫސުމީ ވިއްސާރައަކީ ފާއިތުވި 60 އަހަރު ތެރޭގައި ވެސް ނުކުރާހާ ބޮޑު އަދި ގަދަ އަދި ދިގުލީ ވިއްސާރައެކެވެ. ވިއްސާރައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިންޑިޔާގެ ވައިގެ ސިފައިންގެ 45 މަތިންދާބޯޓާއިހެލިކޮޕްޓަރުމިހާރު ޙަރަކާތްތެރިވަމުންދެއެވެ. މީހުން ސަލާމަތް ކުރުމާއި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށް ދިނުމަށް އިންޑިޔާ ސިފައިން ހިންގަމުން ގެންދާ އޮޕަރޭޝަންތަކުގެ މައި މަރުކަޒަކީ އުއްތުރާ ޚާންގެ ގައުޗަރެވެ. (ނޫސްއެޖެންސީތައް)