27 Jun 2013, 17:05
ސްޕެއިންގެ މަލާގާއަށް ކުޅޭ އެގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެޓޭކިން މިޑްފީޑަރު، ފްރެންސިސްކޯ ރޯމަން އަލަކޮން ސުއަރޭޒް (އިސްކޯ) ރެއާލް މެޑްރިޑާ ގުޅިއްޖެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
"ސްޕެއިންގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއާއެކު މަސައްކަތް ކުރުމަށް ރެއާލްއިން ނިންމައިފިން،" ރެއާލްގެ ސްޓޭޓްމަންޓެއްގައި ބުނެފައި ވެއެވެ. "ފްރެންސިސްކޯ ރޯމަން އަލަކޮން – އިސްކޯ، ކުރިއަށް އޮތް ފަސް ސީޒަންގައި ކުޅޭނީ ރެއާލް މެޑްރިޑަށް"
ސްޕެއިންގެ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއިން ހޯދުމަށް މަސައްކަތްކުރަމުން ގެންދާ ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ރެއާލް މެޑްރިޑާ ގުޅިފައިވަނީ، ގާތްގަނޑަކަށް 23 މިލިޔަން ޕައުންޑްގެ ފީ އަކަށެވެ. އިސްކޯ ކުރިއަށް އޮތް ސީޒަނަށް ރެއާލްއަށް ގެންނާނޭ ވާހަކަ، އެ ކްލަބްގެ ޕްރެޒިޑެންޓް ފްލޮރެންޓް ޕެރޭޒްވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިޒްރޭލްގައި ނިމިގެންދިޔަ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެންޕިއަންޝިޕްގައި ސްޕެއިން ކުޅުނު ފަސް މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ސްޕެއިންއަށް އެ މުބާރާތް ކާމިޔާބު ކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރި އިސްކޯ، ރެއާލްއަށް ގެނައުމާ ބެހޭ ގޮތުން އެ ކްލަބްގެ އާ ކޯޗް ކާލޯ އެންޗެލޮޓީވަނީ އޭނާ ކްލަބްގައި ދިން ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކާފަ އެވެ.
"އަހަރެންނަށް އޭނާގެ ފަރާތުން ފެނުނު ކުޅުމުން އެބަ އެނގޭ އެއީ ހުނަރު ހުރި މޮޅު ކުޅުންތެރިއެއްކަން. ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމްގައި އެބަ ތިބި ބައިވަރު މޮޅެތި ކުޅުންތެރިން. އެކަމަކު އިސްކޯ އެއީ އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ މޮޅު ކުޅުންތެރިއެއް. ދުނިޔޭގެ ކޮންމެ ޓީމަކަށްވެސް އޭނާއަށް ކުޅެވިދާނެ. އަދި ރެއާލްއަށް ވެސް،" ކޯޗު ކަމާ ހަވާކުވުމަށްފަހު އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ރެއާލްގެ އާ ކޯޗު ބުންޏެވެ.
ޖަރުމަނުގެ ބަޔާ ލެވަކޫޒަންގެ ފުލްބެކް، ޑެނީ ކަވަޖަލް އާއެކު އިސްކޯއަކީ މި ސަމާގައި ރެއާލްއަށް ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. އަދި ކާލޯ އެންޗެލޮޓީ ރެއާލްއާ ހަވާލުވިފަހުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.