ދުނިޔޭގައި ހުރި އެންމެ ދުވަސްވީ، އުސް އެއް އިމާރާތް ކަމަށްވާ ފްރާންސްގެ އެއިފެލް ޓަވަރު، އެތަނުގެ މުވައްޒަފުން، މުސާރައިގެ މައްސަލައިގާ އިހްތިޖާޖް ކުރުމުގެ ސަބަބުން ދެ ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.

އެއިފެލް ޓަވަރު ބަންދުކުރަން ޖެހުނީ، އެތަން ހިންގާ ކުންފުނީގެ "ޕްރޮފިޓް-ޝެއަރިން ޕޮލިސީ"އާއި މުސާރަ ބޮޑު ކުރުން ފަދަ ކަންތަކުގައި ހުސްވި ހަފްތާގައި އެތަނުގައި މަސައްކަތް ކުރާ 300 ވަރަކަށް މުވައްޒަފުން ބައިވެރިވާ ޔޫނިއަންއިން އެ ކުންފުންޏާ މަޝްވަރާކުރުމުން ވެސް އެއިން ކަމަށްކަށް މުވައްޒަފުން ބޭނުންވާ ފަދަ ހައްލެއް ނުލިބުމުން އެ ޔޫނިއަންއިން މަސައްކަތް ހުއްޓާލާފައި އިހްތިޖާޖު ކުރަން ނިންމުމާ ގުޅިގެންނެވެ.

ކޮންމެ ދުވަހަކު ވެސް ހުޅުވާގޮތަށް ތާވަލުކޮށްފައިވާ، ފްރާންސްގެ ޕެރިހުގައި ހުންނަ 124 އަހަރުގެ ޒަމާވީ ދިގު ޓަވަރަކީ، ދުވާލެއްގެ މައްޗަށް 25،000 ފަތުރުވެރިން ޒިޔާރަތްކުރާ ތަނެކެވެ. އެތަން މަދުން ނަމަވެސް ބަންދު ކުރަނީ، ޖާނުންފިދާވުމާއި ބޮން ގޮއްވުމުގެ އިންޒާރާއި އަދި މުޒާހަރާތަކާ ގުޅިގެން ނެވެ.

އެއިފިލް ޓަވަރަށް ޒިޔާރަތް ކުރުމަށް ގޮސް ހުރި، ސްޕެއިންގެ ފަތުރުވެރިއެއް ކަމަށްވާ، އެނާ އެޑްރަދޯސްއާ ހަވާލާދީ އޭޕީގައި ބުނެފައި ވަނީ، އެނާ އެ ޓަވަރަށް ޒިޔާރަތް ކުރުމަށް ޓަކައި ދެ ދުވަހުގެ އިންތިޒާރެއް ކުރަން ޖެހުނު ކަމަށާއި އެހެން ނަމަވެސް އޭނާވެސް ހުރީ އެތަނުގެ މުވައްޒަފުންނާ އެއްކޮޅަށް ކަމަށެވެ.

"އަހަރެން ގަބޫލު ކުރާގޮތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ހުރިހާ މީހުންނަކަށް ވެސް އެމީހެއްގެ ހައްގު ފުރިހަމައަށް ލިބެން ޖެހޭނެ." އެނާ އެޑްރަދޯސް ބުންޏެވެ.