މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ވައިރަލް ހުން ފެތުރެމުން ގެންދާ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފި އެވެ.

އެ ޖެންސީން މިއަދު ނެރެފައިވާ ހެލްތު އެލާޓްގައި ބުނެފައި ވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިރަލް ހުމާއި ބޭރަށް ހިންގުން ފެތުރެމުންދާ އިރު އަރިދަފުސް ރޯގާ އާއި ޓައިފޮއިޑް އަދި ސްކްރަބް ޓައިފަސް ކިޔާ ހުމެއް ފެތުރެމުންދާ ކަމަަށެވެ. އެ ބަލިތަކަކީ އެކެެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން އަރާ ބަލިތަކެއް ކަމަށާއި މީހުން ގިނައިން އެއްވެ އުޅޭތަންނަށް ނުދިއުމަށާއި އަދި ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށް ވެސް ހެލްތު ޕްރޮޓެކްޝަނުން ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން ބޭރަށް ހިނގުމަކީ އާއްމު ގޮތެއްގައި ކާބޯ ތަކެއްޗާއި ފެނުގެ ޒަރިއްޔާ އިން ފެތުރޭ ބައްޔަކަށްވާ އިރު ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ އެކަމުން ރައްކާތެެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަަށް ވެސް ބުނެފައިވެ އެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވެ ކޮންޓްރޯލް ކުރެވޭނީ މިކަމުގެ އިސް ދައުރެއް ފަރުދީ ފެންވަރުގައި އަދާކޮށްގެން ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މިބަލިތަކަށް ސަމާލުކަން ދިނުމަށް އެ ޖެންސީން ވަނީ އެދިފަ އެވެ.