ގްރޫޕްހަދައިގެން އުޅޭ ޒުވަނުންނަށް ނަސޭހަތްދީ އެފަދަ މީހުން އެކަމުން ދުރުހެލިކުރުމަށް ފުލުހުން މިހާރު ކުރަމުންގެންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއިރުމެއް ލިބެމުން އަންނަ ކަމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވީ ގުރޫޕް ހަދައިގެން ކަންކަން މައްޗަށް އެއްވާ މީހުންނަށް އެކަމުން ދުރުހެލިވުމަށް ނަސޭހަތްދިނުމުން އެމީހުން އެކަމަށް އިޖާބަދެމުން ގެންދާކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކަންކަންމައްޗަށް އެއްވެ އުޅޭމީހުން ދެނެގަތުމަށް ފުލުހުން ކުރާ މަސައްކަތަށް ޒުވާނުންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށް ކުރި މަސައްކަތްތަކަށް އަލިއަޅުވާލައްވައި ހުސައިން ވަހީދު ވިދާޅުވީ މިހާތަނަށް 3،396 މީހުން ބަލައި ފާސްކޮށްފައިވާއިރު 10،917 ފަހަރު މާލޭގެ އެކި ސަރަހައްދުތައް ޗެކްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 725 މީހުންނަށް ނަސޭހަތެރިވެފައިވާއިރު 190 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 190 މީހުންނަކީ ހުކުމް ތަންފީޒުކުރަންޖެހޭ ބައެއްކަމަށްވާތީ އެމީހުން ޑީޕީއާރްއެސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވި އެވެ.

މީގެއިތުރުން ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ ދެ މީހަކު ގާނޫނާ ގަވާއިދާ ޚިލާފުވެގެން ހައްޔަރު ކުރުމަށްފަހު ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ މުޖުތަމައުއަށް ނުރައްކާތެރިކަމަށް ފާހަގަކުރެވިގެން ހޯދާ 50 މީހުންގެ ތެރެއިން 31 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ 50 މީހުންގެ ތެރެއިން 29 މީހެއްގެ ޖުމްލަ 39 މައްސަލަ ޝަރީއަތަށް ހުށަހެޅި ނުނިމިވާކަމަށާއި އެ މައްސަލަތައް އަވަސް ކުރުމަށް ޕީޖީ އޮފީހާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ އިސްވެރިން ގްރޫޕްތަކަށް ޚަރަދުކޮށްގެން ވައްކަމާއި ފޭރުމާއި ވަޅިހެރުންފަދަ އަމަލުތައް ހިންގާކަމަށް ފާހަގަކުރެވޭ ކަމަށެވެ.