އާސެނަލްގައި ފަސް އަހަރު ހޭދަކުރުމަށްފަހު، ރަޝާގެ ކުރީގެ ކެޕްޓަން އަންދްރޭ އަރްޝަވިން އޭނާގެ ކުރީގެ ކްލަބް އެފްސީ ޒެނިތު ސެއިންޓް ޕީޓާސްބާގްއަށް އަލުން ގުޅިއްޖެ އެވެ.

އަރްޝަވިން، 32، ލަންޑަންގެ އާސެނަލްއަށް ބަދަލުވީ، 2009 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންފާގައި 15 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެހެން ނަމަވެސް އޭނާ ވަނީ، މި ސީޒަންގައި އާސެނަލްއިން ކޮންޓްރެކްޓް އާނުކޮށް ދޫކޮށްލި 14 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

ކާމިޔާބު ނުވަ އަހަރު، ޒެނިތުގައި ހޭދަކުރުމަށްފަހު، މީގެ ފަސް އަހަރު ކުރިން އާސެނަލްއަށް ބަދަލުވި ރަޝާ ފޯވަޑް، މިދިޔަ ސީޒަންގައި އާސެނަލްއަށް ކުޅެފައި ވަނީ އެންމެ 80 މިނިޓު އެވެ. އަދި އޭނާ ވަނީ، ލޯން އެއްބަސްވުމެއްގެ ދަށުން ޒެނިތަށް މިދިޔަ އަހަރުވެސް ކުޅެދީފަ އެވެ.

"ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރަޝާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އޭނާގެ އަމިއްލަ ވަޒަނަށް އެނބުރި އަންނަނީ،" ޒެނިތުގެ ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

އާސެނަލްއަށް 31 ލަނޑު ކާމިޔާބުކޮށްދިން އަރްޝަވިން، ޒެނިތުގައި ކުރިން ހޭދަކުރި ނުވަ އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ، އެ ކްލަބަށް 310 މެޗު ކުޅެ، 71 ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި އެ ކުލަބްގައި އޭނާ ހޯދި ކާމިޔާބު ތަކުގެ ތެރޭގައި، ރަޝިއަން ޕްރިމިއާ ލީގާއި، 2008 ވަނަ އަހަރުގެ ޔުއެފާ ކަޕް ހިމެނެ އެވެ. އަދި އޭނާވަނީ، 2008 ވަނަ އަހަރުގެ ޔޫރޯގައި ރަޝާ ސެމީ ފައިނަލަށް ގެންދިއުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

"އަހަރެމެން ގަބޫލުކުރަން ޖެހޭ އަރްޝަވިން އަކީ ޒެނިތުގެ އުފެއްދުމެއް ކަމަށް. އެހެންވީމާ އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަންވެސް ޖެހޭނީ ހަމަ ޒެނިތުގައި،" ތަޖުރިބާކާރު މިޑްފީލްޑަރާ ބެހޭގޮތުން ޒެނިތުގެ ޗީފް އެގްޒެކެޓިވް އެލެކްސީ މިލާ ބުނެފައިވެ އެވެ.

ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޒެނިތަށް އެނބުރި އައި އަރްޝަވިން ރަސްމީކޮށް އެކްލަބާ ގުޅޭނީ އާސެނަލްއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.