27 Jun 2013, 15:21
ޕީޕީއެމްގެ ޕްރައިމަރީ އަކީ ބާތިލް އިންތިޚާބެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު އެގޮތަށް ހުކުމް ކޮށްފައި ވަނީ ޕީޕީއެމްގެ ދަފްތަރުގައި ނުހިމެނޭ 8915 މީހުން ޕްރައިމަރީގައި ވޯޓުލާފައިވާ ކަމަށާއި އެހެންކަމުން އެ އިންތިޚާބަކީ ބާތިލު އިންތިޚާބެއް ކަމަށް ޝަރީއަތުން ކަނޑައަޅައިދިނުމަށް ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ޕީޕީއެމްގައި ނުހިމެނޭ މީހަކު ޕްރައިމަރީގައި ވޯޓުދީފައިވާކަން ސާބިތުކޮށްދެވޭވަރުގެ އެއްވެސް ހެއްކެއް އުމަރުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ވޯޓުލުމުގެ ދެ ހަފްތާކުރިން ވޯޓުލާ މީހުންގެ ލިސްޓް އާންމުކުރަން ޖެހޭނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް ޕީޕީއެމް އިން އެކަން ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް އެލިސްޓު އާންމުނުކުރުމުން އެކަމާ އުމަރު ޝަކުވާކޮށްފައި ނުވާތީ އެއީ އުމަރުގެ ރުހުމުގައި ހިނގާފައިވާ ކަމެއް ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.
ޕާޓީގެ މެންބަރަކަށް ވެވޭނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވުނީމާ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ނުވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ މެންބަރަކު އެހެން ޕާޓީއަކަށް ސޮއިކުރި ނަމަވެސް ޕްރައިމަރީގައި އެމީހަކަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމްގެ ސްޓެޓްޖިކް ކޮމެޓީން ނިންމާފައިވާނިންމުމަކީ ގާނޫނާ ޚިލާފަށް ކުރި ކަމަކަށް ވިޔަސް އެފަދަ މީހަކު ޕްރައިމަރީގައި ވޯޓުލިކަން ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް އުމަރުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ހުކުމް އިއްވުމަށް ފަހު ގާޒީ އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ޕްރައިމަރީގައި ހިނގަންނުޖެހޭ ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަން ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށާއި ނަމަވެސް ކޯޓުން މައްސަލަ ބަލާނީ ޝަރީއަތަށް ހުށަހެޅިފައިވާ ހެއްކާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ.