03 Nov 2010, 16:19
ސަޢުދީ ކެންސަރ ފައުންޑޭޝަނާއި މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ގުޅިގެން މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ ކެންސަރާ ބެހޭ ކޮންފަރެންސް "ޕްރިންސިޕްލްސް އޮފް އޮންކޮލޮޖީ ކޮންފަރެންސް" ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު އިފްތިތާޙް ކޮށްދެއްވައިފި އެވެ.
މިކަމަށްޓަކައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކެންސަރު ބައްޔަކީ ރާއްޖޭގައި ޢާންމުވަމުން އަންނަ ބައްޔެއްކަން ފާހަގަކުރައްވައި، މި ބަލިން ރައްކާތެރިވުމާއި، މި ބައްޔަށް ފަރުވާ ކުރުމުގެ ވަސީލަތްތައް ޤާއިމު ކުރުމަށް އިސްކަން ދޭންޖެހިފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި މި ބައްޔަށް އެކަށީގެން ފަރުވާ ރާއްޖެއިން ދެވެން ނެތުމުގެ ސަބަބުން، ރާއްޖޭގައި ކެންސަރުޖެހޭ ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑު ހޭދައެއްކޮށްގެން، މި ބައްޔަށް އެކަށީގެންވާ ފަރުވާ ހޯދުމަށް ބޭރު ޤައުމަތަކަށް ދާން ޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކެންސަރު ބަލި ދެނެގަތުމާއި، ފަރުވާ ދިނުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި މިހާރުން މިހާރަށް ރާއްޖޭގައި ކުރެވެން ހުރި ކަންތައްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. ބަލި ޖެހޭތާ ކުރީކޮޅު، ބަލި ޖެހިފައިވާކަން ދެނެގަނެ، ބައްޔަށް ފުރިހަމަ ފަރުވާ ހޯދުމަށް ބާރު އެޅުމަށްޓަކައި، ކެންސަރު ބައްޔާއި، އެބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކާބެހޭގޮތުން ޢާންމުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ ފުރިހަމަ ރެޖިސްޓްރީއެއް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުން ގެންދާ ސަޢުދީ ކެންސަރު ފައުންޑޭޝަންގެ ވަފްދުން، މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަނާ ގުޅިގެން، ދެ ދުވަހުގެ މުއްދަތަށް މިބާއްވަވާ ކޮންފަރެންސަކީ ސަޢުދީ ޢަރަބިޔާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައިވާ އަޚްވަންތަކަމާއި ގާތްކަން ރަމްޒު ކޮށްދޭ ކަމެއްކަން ނައިބު ރައީސް ފާހަގަކުރައްވައި ސަޢުދީ ސަރުކާރަށާއި، ސަޢުދީ ކެންސަރ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވި އެވެ.