27 Jun 2013, 14:53
އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަންނީ އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން ދޫކުރުމަށް ނިންމާފައިވާ 15000 ޑޮލަރު(231300ރ.)ގެ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ ހިލޭ އެހީގެ ދަށުން ފަންނީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ފޯމު ހުށައަޅަން ޖެހޭނީ އަންނަ މަހުގެ 8ގެ ނިޔަލަށް އެ މިނިސްޓްރީ އަށް ކަމަށެވެ.
އެ ސްކީމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމާއި ފުޅާކުރުމަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހޮވާލާ ހުށަހެޅުންތަކަށް ކުރަން ޖެހޭ ހަރަދުތަކުގެ 80 ޕަސެންޓް ފޯރުވައިދޭ އިރު ބާކީ 20 ޕަސެންޓަށް ވާ ފައިސާ ހަރަދު ކުރަން ޖެހޭނީ އެ ވިޔަފާރިއެއް ހިންގަވާ ފަރާތަކުން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެ މިނިސްޓްރީ އިން އިތުރަށް ބުނީ މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ހުޅުވާލި އެސުކީމަށް ކުރިމަތިލާ ފަރާތްތަކަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޯޕޮރޭޓިވް ސޮސައިޓީއަކަށް ވާންޖެހެ އެވެ. އަދި އެސްކީމް ދަށުން ފަންނީ އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމާއި އެ ސްކީމާ ބެހޭ އިތުރު މައުލޫމާތު އިކޮނޮމިކް މިނިސްޓުރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.