27 Jun 2013, 14:27
މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އިންސާނާގެ ސިކުނޑީގެ ސެލްތައް މަރުވެގެން ދިއުމުގެ ސަބަބުން މަސްތުގެ ވަބާގައި ޖެހިފައިވާ ގިނަ ޒުވާނުން އެ މީހުން މެދު އުމުރަށް ދާއިރު ތިބޭނީ ސިކުނޑި ހަމަ ނުޖެހޭ އަދި ނަފްސާނީ ބަލިތަކުން ސަލާމަތް ނުވެވޭ ފަދަ މީހުންގެ ގޮތުގައި ކަމުގައި ޑޮކްޓަރުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށާއި، އަދި އެފަދަ ގެއްލުމަކީ ދުވަހަކު ވެސް ފޫ ނުބެއްދޭނެ ގެއްލުމެއް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވީ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ގޮތުން ލިބޭ ގެެއްލުންތަކަށް ޒުވާނުން ހޭލުންތެރި ކުރާން ޖެހޭ ކަމަށެވެ. އަދި މަސްތުގެ ނުރައްކަލުގައި ޖެހި މަގު ގެއްލިފައިވާ ޒުވާނުންނަށް ދެމުންދާ ފަރުވާ އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް އެންމެ އެކަށޭނަ ފަރުވާ ގާއިމް ކުރުމުގެ މަސައްކަތް އެންޑީއޭ އިން މެދު ނުކެނޑި ކުރަމުންދާ ކަމަށް ލުބުނާ ވިދާޅުވި އެވެ.
"މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ސަބަބުން އިންސާނާގެ ސިކުނޑީގެ ސެލްތައް މަރުވޭ. އޭގެ ސަބަބުން މަސްތުގެ ވަބާގައި ޖެހިފައި ތިބި ގިނަ ނުވާނުން އެ މީހުންގެ މެދު އުމުރަށް ދާއިރު ތިބޭނީ ސިކުނޑި ހަމަ ނުޖެހޭ އަދި ނަފްސާނީ ބަލިތަކުން ސަލާމަތް ނުވެވޭ ފަދަ މީހުންގެ ގޮތުގައި. އެކަން ޑޮކްޓަރުންވެސް ވަނީ ކަށަވަރު ކޮށްދެއްވާފައި. ޑޮކްޓަރުން ބުނަނީ އެފަދަ ގެއްލުމަކީ ދުވަހަކު ވެސް ފޫ ނުބެއްދޭނެ ގެއްލުން ތަކެއް ކަމަށް،" ލުބުނާ ވިދާޅުވި އެވެ.
އެންޑީއޭ އިން މިއަދު ވަނީ އިސްލާމިކް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފަށާފަ އެވެ. ލުބުނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން މަސްތުގައި ޖެހި މަގު ގެއްލިފައި ތިބި އެތައް ޒުވާނުންނަކަށް ރޫހާނީ ފަރުވާލިބި ސާފު ރީތި ދިރިއުޅުމުގެ މިންގަނޑުތައް ދަސްވެގެން ދާނެ ކަމަށެވެ.
ލުބުނާ ވިދާޅުވީ ވޭތުވެދިޔަ އަހަރު ވަނީ "ނޭޝަނަލް އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އެޑިކްޝަން ސްޑަޑީޒް" ގާއިމްކޮށް އެޑިކްޝަންގެ ގިނަ ކޯސްތަކެއް ފަށާފައި ކަމަށާއި، އަދި އެ އިންސްޓިޓިއުޓުން ޕްރިވެންޝަން ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅު ތަކުން މީހުން ތަމްރީން ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން ޕެރަ ޕްރޮފެޝަނަލް ދާއިރާއިން މީހުން ތަމްރީން ކޮށް އެ މަސައްކަތް ކުރުމަށް އެ މީހުން ނެރެވުމަކީ އެންޑީއޭ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށްވެސް ލުބުނާ ވިދާޅުވި އެވެ.
"ނޭޝަނަލް އިންސްޓިޓިއުޓް ފޯރ ރިސާޗް އެންޑް އެޑިކްޝަން ސްޓްޑީޒް އިން މި ފެށޭ ޖުލައި މަހުގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ފަރުވާ ލިބުމަށް ފަހުގައި 'ރިލެޕްސްވާ' [ހުއްޓުމަށް ފަހު އަނެއްކާ އެނބުނި އެއަށް ދިއުން] ސަބަބުތައް ހޯދުމަށްޓަކައި ރިސާޗެއް ފެށުމަށް ވަނީ ހަމަޖެހިފައި. އެ ރިސާޗްގެ މަސައްކަތް ކުރާނީ އެންޑީއޭގެ ތަޖްރިބާ ލިބިފައިވާ ސައިކޭޓްރިސްޓުންނާއި، ޑޮކްޓަރުން. އަދި އެޑިކްޝަން ދާއިރާއިން އެންމެ ތަޖްރިބާ ލިބިފައިވާ މި އެޖެންސީގެ ކައުންސިލަރުން،" ލުބުނާ ވިދާޅުވި އެވެ.
މަސްތުވާ ތަކެއްޗާއި ގުޅޭ ގާނޫނު އައިސް އެންޑީއޭ އުފެއްދުމާއި ގުޅިގެން މަސްތުވާ ތަކެތީގެ ފަރުވާގެ އެސެސްމެންޓް ހެދުމަށް އެންޑީއޭގެ ކައުންސިލަރުން ވަނީ ތަމްރީން ކޮށްފައި ކަމަށާއި، އެ ގޮތުން މި އަދާއި ހަމައަށް 24 ކައުންސެލަރަކަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް ވެސް ލުބުނާ ރޭ ވިދާޅުވި އެވެ.
ލުބުނާ ވިދާޅުވީ ޑްރަގް ކޯޓުން އަމުރު ކޮށްފައިވާ 556 އެސެސްމެންޓް އަމުރުގެ ތެރެއިން 501 އެސެސްމެންޓް ހަދާ، ޑްރަގް ކޯޓަށް ފޮނުވާފައިވާ ކަމަށާއި، އަދި އެންޑީއޭ ފަރުވާގެ ޕްލޭންތައް ޑްރަގް ކޯޓުގައި ރެޖިސްޓްރީކޮށް އެ ފަރުވާގެ އުސޫލު ތަކަށް ހުކުމްކޮށް އެ ފަރާތްތަކަށް މިހާރު ފަރުފާ ދެމުންދާ ކަމަށެވެ. އެގޮތުން ކޮމިއުނިޓީ ފަރުވާ އަށް 94 މީހުން ހުކުމް ކުރި އިރު 152 މީހުން ވަނީ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސާސިސް އަށް ހުކުމް ކޮށްފައި ކަމަށެވެ. އަދި އިންޑިވިޖުއަލް ޓްރީޓްމެންޓް ޕްލޭން ތައާރަފްކޮށް އެ ފަރުވާއަށް މި އަދާއި ހަމައަށް ތިން މީހަކަށް ހުކުމް ކޮށްފައިވާ ކަމަށް ވެސް ލުބުނާ ރޭ ވިދާޅުވި އެވެ.
މަސްތުވާ ތަކެތި ވިއްކާ އޭގެ ވިޔަފާރިކުރާ މައްސަލަ ތަކުގެ އިތުރުން އެ ތަކެތި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ކުރާން ޖެހޭ އެންމެހައި މަސައްކަތްތައް އެންޑީއޭ އިން މިހާރު ކުރަމުން އަންނަ ކަމަށާއި، އެގޮތުން 2014 ވަނަ އަހަރުގެ ބަޖެޓްގައި އެންޑީއޭ އިން އެންމެ ބޮޑު އިސްކަމެއް ދޭނީ މަސްތުވާ ތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރި ކުރުމަށްޓަކައި ކުރާންޖެހޭ ޕްރިވެންޝަންގެ މަސައްކަތްތައް ފުޅާ ދާއިރާ އެއްގައި ކުރުމަށް ކަމަށް ވެސް ލުބުނާ ރޭ ވިދާޅުވިއެވެ.