27 Jun 2013, 14:22
އިންޑިއާ އިން ރާއްޖެ އައި ބޯޓަކުން ގެނައި ގޮދަޑިތަކެއްގެ ތެރޭގައި ފޮރުވައިގެން 11.6 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބޭއްވި ނޫސް ކޮންފަރެއްސެއްގައި ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ މީގެ ދެ މަސް ކުރިން ކަސްޓަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 11.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ، ރޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޯޓު އިންޑިއާގެ ސޫތުކުޅީ ބަނދަރުން ރާއްޖެ އައުމަށް ފުރީ މި މަހު 19 ވަނަ ދުވަހު ކަމަށާއި ރާއްޖެ އަށް އެ ތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
ޝަރީފް ވިދާޅުވީ އެބޯޓު މާލެ އައުމާ އެކު ބޯޓުން ގެނައި ތަކެތި ރޭ 10:00 ގައި ޗެކްކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އަށް މުދާ އިމްޕޯޓުކުރާ ކުންފުންޏަކުން އެތެރެ ކުރި ހަތް ގޮދަޑީގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި 14 ޕެކެޓް ފެނިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަކެތީގެ ތެރޭ ހިމެނެނީ އެއް ކިލޯ ހެރޮއިން އާއި 10.6 ކިލޯ ހަޝިޝްއޮއިލް ކަމަށެވެ. ގޮދަޑީގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތް ގަނޑަކަށް 10 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.