ގއ. ދެއްވަދޫ ސިއްހީ މަރުކަޒުން ފަރުވާ ހޯދަން ދިޔަ ކުޑަ ކުއްޖެއްގެ ގަޔަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ގުޅި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުމުރުން ހަތަރު އަހަރުގެ މުހައްމަދު އަލްހާން އަހުމަދު ސުއޫދުގެ ގަޔަށް ގެރެންޓީ ހަމަވެފައިވާ އައިވީ ގުޅާފައިވާ އިރު އޭނާގެ ބައްޕަ އަހުމަދު ސުއޫދު މިއަދު ސަން އަށް ވިދާޅުވީ އޭނާގެ ދަރިފުޅުގެ ގަޔަށް ގެރެންޓީ ހަމަވެފައިވާ އައިވީއެއް ގުޅާފައި ވަނީ ރޭ 10:00 ޖަހާކަންހާ އިރު ކަމަށާއި އަދި އެކަން އެނގުނީ މިއަދު ހެނދުނު 8:00 ޖަހާކަންހާއިރު ކަމަށެވެ.

"މިއުޅޭ ރޯގާ ޖެހިގެން އަޅުގަނޑު ސިއްހީ މަރުކަޒަށް ރޭ ގެންދިޔައީ، އައިވީ އަކީ ގެރެންޓީ ހަމަވެފައިވާ އައިވީއެއްކަން އެނގުނީ މިއަދު ހެނދުނު،" އެ ކުއްޖާގެ ބައްޕަ އަހުމަދު ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކުއްޖާގެ ހާލު މާ ސީރިއަސް ނޫން ނަމަވެސް އޭނާ ރަނގަޅު ނޫން ކަމަށާއި އަދި ދާދި ދެންމެއަކު ތިނަދޫ ހޮސްޕިޓަލަށް ގެނެސް އެ ކުއްޖާ އަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޒާހިރު ވެސް ވަނީ ގެރެންޓީ ހަމަވެފައިވާ އައިވީއެއް އެ ރަށު ސިއްހީ މަރުކަޒުން ކުއްޖެއްގެ ގަޔަށް ގުޅިކަން ޔަގީން ކޮށްދީފަ އެވެ. އަދި އެ އައިވީއަކީ މީގެ ތިން މަސް ކުރިން މުއްދަތު ހަމަވެފައިވާ އައިވީ ކަމަށް އޭނާ ވިދާޅުވި އެވެ.